ހަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ހަރަކާތްތެރިވާ މީހުން މަދު: ޒެނީޝާ

Jul 11, 2018
2

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއަރުވައި، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ގިނަ ބަޔަކު މިއަދު ވަކާލާތުކުރަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް އެ ކަންކަމަށް އަމަލީ ސިފަ ގެނައުމުގެ މަސްއޫލިއްޔަތު އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތައް އަދި ވެސް މަދު ކަމަށް ޖެންޑާ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖްގެ "މާސްޓާ އޮފް ޓީޗިންއިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން" ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިރޭ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކު ވެސް ދުޅަހެޔޮކަމާއި އުފަލުގައި ހެދިބޮޑުވުމަށް މަގުފަހި ކޮށްދިނުމަކީ މުޖުތަމައުގެ އެންމެންގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރާ ފަންނީ މީހުން ބިނާކޮށް، މި ދާއިރާގައި ހިދުމަތްކުރާ ދިވެހިންގެ ދައުރު އިތުރަށް ފުޅާވެގެން ދިޔުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އާއިލާތަކަށާއި، ގައުމަށް ނުހަނު ބޭނުންތެރިވެފައިވާ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދީ، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އިގްތިސޯދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ. އެގޮތުން، ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ 270އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ޒެނީޝާގެ ވާހަކަގައި ވަޒީފާގެ މާޙައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް މިނިސްޓްރީން ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކުންފުނިތަކުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ތެރެއިން 500 އެއްހާ މީހުނަށް "ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން" ޕްރޮގްރާމްތަކެއް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ކަމަށާއި، ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ދާއިރާތަކުން ތަފާތު ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.