ހަބަރު

"ފުރުސަތުދޭނަމަ ނުކުޅެދޭ ކުދިންގެ ހުނަރު ފެންނާނެ"

Jul 19, 2018
1

އެހެން ކުދިންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ކުދިން އެކަށީގެންވާ ފުރުސަތުދޭނަމަ އެކުދިންގެ ހުނަރު ދައްކާދޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އޯޓިޒަމް ކުދިންނަށް ހާއްސަކޮށް މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި ބޭއްވި "އާޓް އޮފް މައިންޑް 2018" މައުރަޒު އިފުތިތާކޮށްދެއްވައި މިނިސްޓަރު ޒެނީޝާ ވިދާޅުވީ، އެހެންކުދިންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ހުނަރުތައް ތަރައްގީ ކުރުމަށް ފުރުސަތުތައް ހޯދައި ދީ، ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް ތަނަވަސްކޮށްދޭނަމަ، އެ ކުދިންނަކީ ވެސް އާދަޔާ ހިލާފު ހުނަރުވެރި ބައެއްގެ ގޮތުގައި ފެނިގެން ދާނެ ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމުކުރާ މައުރަޒުތަކުން އޯޓިޒަމް ހުންނަ ކުދިންގެ ހުނަރުވެރި މަސައްކަތްތައް ފެނިގެންދާކަމަށާއި ހަމަ އެހެންމެ ބައިނަލްއަގްވާމީ ބައެއް މުބާރާތްތަކުގައި ވެސް މި ކުދިން ކާމިޔާބީތައް ދަނީ ހޯދަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަމާ ގުޅޭ ގޮތުން މުޖުތަމައު ހޭލުންތެރިވެފައިވާ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް، އެ ކުދިންގެ ހުނަރުތައް ތަރައްގީކޮށް، ޢާއިލާތަކަށް ހިތްވަރު ދީ އެކުދިންނަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް މުޖުތަމައުގެ ދައުރު މިހާރަށް ވުރެ ފުޅާކުރަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތުގައި އެކި މުއަސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކާއި ފަރުދުންގެ ބައިވެރިވުން އަމަލީ ގޮތުން އިތުރު ކުރަން ޖެހޭ ކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، ކުރިއެރުވުމަކީ ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށާއި އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްމުން ގެންދާ ކަމަށެވެ. އެގޮތުން މި ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށްވެސް މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.