ނޭޓޯ

ނޭޓޯގެ އަސްކަރީ ހޭދަ ދެގުނަ ބޮޑުކުރަން ޓްރަމްޕް ގޮވާލައްވައިފި

ބްރަސަލްސް (ޖުލައި 11) - ނޭޓޯގެ ގައުމުތަކުގެ އަސްކަރީ ހޭދަ މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ ދެގުނަ އިތުރު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް ގޮވާލައްވައިފި އެވެ.

މިގޮތުން ނޭޓޯގެ މެމްބަރު ގައުމުތަކުގެ ޖީޑީޕީގެ ހަތަރު ޕަސަންޓު އަސްކަރީ ބަޖެޓުގައި ހިމެނުމަށް ޓްރަމްޕް ގޮވާލައްވާފައިވަނީ ބްރަސަލްސްގައި ބޭއްވުނު ނޭޓޯގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޖަރުމަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ އަމާޒަކީ މިހާރުވެސް ކަނޑައަޅާފައިވާ ޖީޑީޕީ ގެ ދެ ޕަސަންޓަށް ވާސިލްވުމެވެ.

ނޭޓޯއަކީ ކޮބާ؟

  • ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން.
  • އުތުރު އެމެރިކާ އާއި ޔޫރަޕުގެ 29 ގައުމެއްގެ މައްޗަށް އެކުލެވޭ ޖަމާއަތެއް.
  • ނޯތު އެޓްލާންޓިކް ޓްރީޓީއަށް ބިނާކޮށް ނޭޓޯ އުފެދުނީ 1949 ގައި.
  • ނޭޓޯއަކީ ސަރަހައްދުގެ ދިފާއުގައި ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކުރުމަށް އުފެއްދި އަސްކަރީ ޖަމާއަތެއް.

"އަހަރެމެން ފުރަތަމަ ބަލަންވީ މިހާރު ކަނޑައަޅާފައިވާ ދެ ޕަސަންޓަށް އެރުވޭތޯ. އެކަމަށް ފޯކަސް ކުރަންވީ،" ޓްރަމްޕްގެ ގޮވާލެއްވުމަށް ސީދާ ޖަވާބެއް ނުދެއްވާ ޖެންސް ސްޓޮލްޓެންބާގު ވިދާޅުވި އެވެ.

އެމެރިކާ އިން ނޭޓޯގެ ޑިފެންސް ބަޖެޓަށް ކުރާ ހޭދަ އާ އެއްވަރަށް ޔޫރަޕުގެ ގައުމުތަކުން ވެސް ޒިންމާ ނަގަންޖެހޭ ކަމަށް އެމެރިކާގެ ކުރީގެ ރައީސުން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެ ގޮވާލުންތަކަށް މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާއިރު، ޓްރަމްޕް ވަނީ ނޭޓޯއިން މިހާރު ކަނޑައަޅާފައިވާ ދެ ޕަސަންޓުގެ ޓާގެޓަށް ހުރިހާ ގައުމަތަކުން ވެސް އިހުތިރާމްކުރުމަށް ބާރުއަޅަން ފަށްޓަވާފަ އެވެ.

ނަމަވެސް، ނޭޓޯގައި 29 ގައުމު ހިމެނުނު ނަމަވެސް، މިދިޔަ އަހަރު އެ ޓާގެޓަށް ވާސިލްވީ އެންމެ ފަސް ގައުމުންނެވެ. ދެ ޕަސަންޓު ވެސް ގިނަ ގައުމުތަކުން ނުދެވިގެން އުޅޭއިރު، އޭގެ ދެ ގުނަ ހޭދައެއް ކުރެވޭނެ ގާބިލުކަން އެމެރިކާ ފިޔަވާ މަދު ގައުމަކަށް މެނުވީ ނުވާނެކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ޖަރުމަނުން ހޭދަ ކުރަނީ ޖީޑީޕީގެ 1.24 ޕަސަންޓެވެ. އެމެރިކާ އިން މިހާރު ވެސް ޖީޑީޕީގެ 3.5 ޕަސަންޓް ހޭދަ ކުރާއިރު، ޓްރަމްޕްގެ ޝަކުވާއަކީ ޖަރުމަނު ފަދަ ގައުމުތަކުން "ޒިންމާއިން ރެކެން" އުޅޭ ކަމެވެ.