ހަބަރު

ސްކައިޕް މެދުވެރިކޮށް ރިލްވާންގެ ބޭބެގެ ހެކިބަސް: "ރަތް ކާރު ނުވެސް ދެކެން"

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ އެއްބަނޑު އެއްބަފާ ހަމައެކަނި ބޭބެ މޫސާ ރިލްވާން މެލޭޝިއާގައި ހުރެގެން ސްކައިޕް މެދުވެރިކޮށް ހެކި ބަސް ދީފި އެވެ. މިއީ ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ހެކި ބަސް ސްކައިޕް މެދުވެރިކޮށް ރާއްޖޭގައި ނެގި ފުރަތަމަ ފަހަރެވެ.

މޫސާ ރިލްވާންގެ ހެކި ބަސް ނަގާފައިވަނީ މިއަދު ހެނދުނު ކުރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި މެލޭޝިއާގެ އެމްބަސީގެ ރަސްމީ ސްކައިޕް އެޑްރެހާއި ކުރިމިނަލް ކޯޓުގެ ރަސްމީ ސްކައިޕް އެޑްރެހުގެ ޒަރިއްޔާއިންނެވެ. މޫސާ ރިލްވާން އެމްބަސީ މެދުވެރިކޮށް ހެކި ބަސް ދިންއިރު އެ ތަނުގައި އެމްބަސީގެ ފަސްޓް ސެކެޓްރީއަށްވުރެ މަތީ މަގާމެއްގެ ބޭފުޅަކު ހުންނެވިތޯ ޝަރީއަތުން ކަށަވަރުކުރި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އެފަދަ އެމްބަސީއެއްގައި ހެކި ބަސް ނަގާނަމަ އެކަން ކުރަން ޖެހޭނީ އެ ތަނުގެ ފަސްޓް ސެކެޓްރީއެއްގެ ހާޒިރުގަ އެވެ.

ރިލްވާންގެ މައްސަލާގައި ދައުވާ ލިބޭ ގ. ހިލްޓަން، އާލިފް ރައޫފްގެ ރަތް ކުލައިގެ ކާރުން ފެނުނު ޑީއޭންއޭ ރިލްވާންގެ މަންމަ އައިޝަތު އީސާގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މައްސަލާގައި ދެން ދައުވާކުރަނީ އެ ކާރު ހުޅުމާލޭގައި ދުއްވި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

ދައުލަތުން ބުނަނީ ރިލްވާން ގެއްލުވާލާފައިވަނީ އެ ކާރަށްލުމަށްފަހުގައި ކަމަށެވެ. ރިލްވާންގެ މަންމަގެ ޑީއެންއޭ ކާރުން ފެނުނު އިސްތަށިން ނެގި ޑީއެންއޭއާ ދިމާވެފައިވާއިރު އެ ޑީއެންއޭ ރިލްވާންއާ ގުޅުވުމަށް ދައުލަތުން ވަނީ އެ ކާރަށް ރިލްވާންގެ މަންމަ އަދި އެއް ބަނޑު އެއްވެސް މީހަކު ނާރާކަން ސާބިތުކުރުމަށް އެ އެންމެން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

ރިލްވާންގެ މަންމަ އާއި އެއްބަނޑު ހަތަރު ދައްތައިން ކަމަށްވާ މަރިޔަމް ޝިފާޒާ އާއި މަރިޔަމް ފަޒުނާ އާއި ނަސްރީނާ މޫސާ އާއި ފާތިމަތު ޝެހެނާޒް އަދި ރިލްވާންއާ އެއްބަނޑު ތިން ބޭބެއިން ކަމަށްވާ އާދަމް ސަލީމާއި އަލީ ރަޝީދާއި އަބްދުﷲ އަލިއްޔު ވަނީ ހެކި ބަސް މީގެކުރިން ދީފަ އެވެ. އެ އެންމެން ވެސް ވަނީ އެ ކާރަށް ދުވަހަކު ވެސް ނާރާ ކަމަށް ބުނެފަ އެވެ. އެ އެންމެންގެ ހެކި ބަހުން ރިލްވާންގެ އެއް ބަނޑު އިތުރު ބޭބެއެއް ހުންނަކަން ހާމަވި އެވެ. އެއީ މޫސާ ރިލްވާން އެވެ. އޭނާ މިހާރު ދިރިއުޅެނީ މެލޭޝިއާގަ އެވެ.

އޭނާގެ ހެކި ބަސް ނެގުމަށް ދައުލަތުން އެ ދުވަހު އެދުނެވެ. ނަމަވެސް ހެކި ހުށަހެޅި މޫސާ ރިލްވާންގެ ނަން ހުށަހަޅާފައެއް ނުވެ އެވެ. އެހެންވެ ދައުވާ ލިބޭ ދެ މީހުންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ މޫސާ ރިލްވާންގެ ހެކި ބަސް ނެގުމާމެދު އިއުތިރާޒު ފާޅުކުރައްވާފަ އެވެ. ނަމަވެސް އެންމެފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ މޫސާ ރިލްވާންގެ ހެކި ބަސް ނެގުމަށް ނިންމަވާފަ އެވެ. އެއީ މައްސަލާގައި ޝައްކެއް އުފެދުނު ނުދިނުމަށާއި އިންސާފު ގާއިމުކުރުމަށްޓަކައި ކަމަށް ވިދާޅުވެ އެވެ.

ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިއަދު މޫސާ ރިލްވާން ބުނީ، އޭނާއަކީ ރިލްވާންގެ އެއްބަނޑު އެއްބަފާ ހަމައެކަނި ބޭބެ ކަމަށެވެ. ރިލްވާން ގެއްލުނުއިރު ދިރިއުޅެމުން ދިޔައީ ހުޅުމާލޭގަ ކަމަށާއި ނަމަވެސް އެ ތަނަށް އޭނާއާ ބައްދަލުކުރުމަށް ދުވަހަކު ވެސް ނުދާ ކަމަށް ބުންޏެވެ.

އާލިފްގެ ރަތް ކާރުގެ ފޮޓޯއެއް ދެއްކުމަށްފަހު އެ ކާރަށް ދުވަހަކު ވެސް އެރިންތޯ ވަކީލް ސުވާލުކުރުމުން މޫސާ ރިލްވާން ބުނީ، އެ ކާރަށް އޭނާ ދުވަހަކު ވެސް ނާރާ ކަމަށެވެ. އެ ކާރު ނުވެސް ދެކޭ ކަމަށެވެ. އޭނާ ދަތުރުކޮށް ހަދަނީ ސައިކަލްގަ ކަމަށާއި ކާރަށް އަރައި ނޫޅޭ ކަމަށް ސްކައިޕް މެދުވެރިކޮށް ހެކި ބަސް ދެމުން ބުންޏެވެ.

އެހާ ހިސާބުން ދައުލަތުގެ ސުވާލުތައް ނިންމާލި އެވެ. ދެން ފުރުސަތު ދިނީ އާލިފާއި ނޫރައްދީންއަށް ސުވާލު ކުރުމަށެވެ. އެ ދެ މީހުންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިއަދު ޝަރީއަތަށް ވަޑައެެއް ނުގަންނަވަ އެވެ. އާލިފާއި ނޫރައްދީން ވެސް ބުނީ އެއްވެސް ސުވާލެއް މޫސާ ރިލްވާންއާ ކުރަން ބޭނުން ނުވާ ކަމަށެވެ.

މޫސާ ރިލްވާންގެ ހެކި ބަސް ނަގާ ނިމުމުން އެ މައްސަލާގައި ހެކި ބަސް ނަގާ ނިމުނީ އެވެ. އާލިފް މިއަދު ވަނީ އޭނާގެ ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅި ފަރާތްތައް ގެންނަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. ނޫރައްދީންގެ ފަރާތުން ހުށަހެޅި ދެ ހެއްކެއް މީގެކުރިން ހާޒިރުކޮށްފައިވާއިރު ބާކީވާ އެއް ހެކި ހާޒިރުކުރަން ބޭނުން ނުވާ ކަމަށް މިއަދު އޭނާ ވެސް ބުންޏެވެ.

ދެން ގާޒީ ހުޅުވާލެއްވީ ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ. ނަމަވެސް ދައުލަތާއި އާލިފް އަދި ނުރައްދީން ވެސް ބުނީ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ހުލާސާ ބަޔާން އިއްވަމުން ވާހަކަ ދައްކާނެ ކަމަށެވެ. ހުލާސާ ބަޔާން އިއްވުމަށް ތައްޔާރުވުމަށް އެއް ހަފުތާގެ މުއްދަތެއް ދިނުމަށް އެދުމުން އެ ފުރުސަތު ގާޒީ ދެއްވި އެވެ.

މައްސަލާގައި ހުލާސާ ބަޔާން އިއްވުމަށް ހަފުތާއެއް ފަހުން އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށް ވިދާޅުވެ ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ. ހުލާސާ ބަޔާން އިއްވުމުން ދެން މައްސަލާގައި އޮންނާނީ ހުކުމެވެ.