ވިޔަފާރި

އުރީދޫ އާއި ޔޫއެންޑީޕީ އިން މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕެއް ބާއްވައިފި

Jul 12, 2018

އުރީދޫ އާއި އުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން، "މިޔަހެލި" ސޯޝަލް އިނޮވޭޝަން ކޭމްޕް މިމަހުގެ 5-8 އަށް ނިޔަލަށް، ވ.ތިނަދޫ ގައި ކުރިއަށް ގެންގޮސްފި އެވެ. މިއީ، މި ޕާޓްނަރޝިޕްގެ ދަށުން، 2016 އިން ފެށިގެން މިޔަހެލި ބޭއްވިގެންދިޔަ ތިން ވަނަ ފަހަރެވެ.

މިޔަހެލި އަކީ ޒުވާނުންގެ ޚިޔާލުތައް އެއްތަނަކަށް ގެނެސްދީގެން، ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރާ، ތިން ދުވަހުގެ ކޭމްޕް އެކެވެ.

ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެސެންޓިވް ޝޯކޯ ނޯޑާ ވިދާޅުވީ މި ކޭމްޕުގެ މަޤްސަދަކީ ހިތުގައި އޮންނަ ހިޔާލެއް އިތުރަށް ފުރިހަމަކޮށް، އެ ޚިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ނަގަންޖެހޭ އެކި އެކި ފިޔަވަޅުތައް އުނގަންނައިދީ، އެކަން ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

"މުޖުތަމައު އަށް ހެޔޮ ބަދަލުތަށް ގެނެސްދިނުމުގައި، ދިވެހި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެ. ވިސްނުންތޫނު އަދި ގާބިލް ބަޔަކަށް ވެފައި، ކުރިން ހިތަށްއަރުވާފައިވެސް ނުވާފަދަ ތަފާތު ޙައްލުތަކެއް ވުޖޫދަށް ގެނައުމުގެ ކުޅަދާނަކަން ޒުވާނުންނަށް ލިބިފައިވޭ،" ޝޯކޯ ނޯޑާ ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް އަކީ، މުޖުތަމައުގެ މަންފާ އަށް މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް، ވަރަށް ފައިދާހުރި ޕްލެޓްފޯމް އެއް ކަމަށެވެ.

"ޔޫއެންޑީޕީ މޯލްޑިވްސް އާއި އެކު ޕާޓްނަރ ވެގެން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އާންމު ދިރިއުޅުމުގައި ދިމާވާ އެކި މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް ޒުވާނުން ބާރުވެރިކުރުމުގެ އަމާޒުގައި. މިފަހަރުގެ ކޭމްޕުގައި ވެސް ވަރަށް އުފެއްދުންތެރި ހިޔާލުތަކެއް ފެނިފައިވޭ، އަދި މުޖުތަމައު އާއި ހަމައަށް މި އީޖާދީ ހައްލުތައް ގެނެސްދިނުމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ދޭނަން،" ނަޖީބު ވިދާޅުވި އެވެ.

މިއަހަރުގެ މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ހުޅުވާލެވިފައިވަނީ، 18-30 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މިއަހަރުގެ ތީމެޓިކް އޭރިއާ ތަކުގެ ތެރޭގައި، ސުލްހަވެރި މުޖުތަމައުއެއް ބިނާކުރުން، މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުން، އައު ޓެކްނޮލޮޖީތަކުގެ އެހީގައި ކާމިޔާބު ވިޔަފާރިތައް ފެށުން، ޒުވާނުންގެ ހަރަކާތްތައް ނުވަތަ ޔޫތް މޫވްމަންޓްސް ބިނާކުރުން، އަދި ތިމާވެށި ރައްކައުތެރިކުރުމަށް އީޖާދީ ހައްލުތައް ހޯދުން ހިމެނެ އެވެ.

ޖުލައި 5 ގައި ފެށިގެން ދިޔަ ކޭމްޕުގައި، ޚިޔާލުތައް އިތުރަށް ބިނާކުރުން، ކަސްޓަމަރ ވެލިޑޭޝަން ކުރިއަށްގެންދިއުމުގެ އިތުރުން ޕްރޮޑަކްޓް ޕްރޮޓޯޓައިޕް ހެދުން ހިމެނެއެވެ. މިޔަހެލީގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ޚިޔާލުތަކުގެ ތެރެއިން ހޮވިފައިވަނީ، ހަތަރު ޓީމެވެ. މީގެ ތެރޭގައި ބޭނުންކޮށްފައިވާ ތަކެތި ޑިޖިޓަލް ޕްލެޓްފޯމެއްގެ ޒަރީޢާއިން ވިއްކާ އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ ވަސީލަތެއް އުފެއްދުން، އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާމެހި ދެނެގަތުމުގެ ޕްލެޓްފޯމެއް ހެދުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް އޮންލައިންކޮށް އެހީތެރިވެދޭނެ ސިސްޓަމެއް ޤާއިމްކުރުން އަދި ރާއްޖޭގައި 'ސީ ސޯލްޓް"ގެ ތަފާތު ޕްރޮޑަކްޓު އުފައްދައި ތައްޔާރުކޮށް އެކްސްޕޯރޓް ކުރުމަށް ހުށަހެޅި ޚިޔާލު ހިމެނެއެވެ.

ކޭމްޕުގެ ފައިނަލް ޕިޗް އަށްފަހު ދެ ޓީމެއްގެ ޚިޔާލު ހަގީގަތަކަށް ހެދުމުގައި އެހީތެރިވުމަށް، އުރީދޫ އަދި ޔޫއެންޑީޕީގެ ފަރާތުން ވަނީ 3000 ޑޮލަރުގެ ސީޑް ފަންޑިން، އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން މެންޓަރޝިޕް އަދި ޓްރެއިނިންގެ ފުރުސަތު ލިބިފައެވެ. މޮޅުވި ދެ ހިޔާލަކީ ރާއްޖޭގައި 'ސީ ސޯލްޓް" ގެ ތަފާތު ޕްރޮޑަކްޓު އުފައްދައި ތައްޔާރުކޮށް އެކްސްޕޯރޓް ކުރުމަށް އަދި ބޭނުންކޮށްފައިވާ ތަކެތި ޑިޖިޓަލް ޕްލެޓްފޯމެއްގެ މެދުވެރިކޮށް އެހެން މީހުންނަށް ފޯރުކޮށްދިނުމަށް ހުށަހެޅި ދެ ހިޔާލެވެ.
އިޤްތިސާދީގޮތުން ޒުވާން ކުދިން ބާރުވެރި ކުރުމަކީ، ޔޫއެންޑީޕީ އަދި އުރީދޫ އިންވެސް ހާއްސަ އިސްކަމެއްދޭ ކަމަކަށްވެފައި، މިކަމަށްޓަކައި ދެ ކުންފުނިން ވެސް ދަނީ އެކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި މިޔަހެލި، ނިރު އެކްސްލެރޭޓަރ ޕްރޮގްރާމް، އަދި އެޗްޑީސީ އާއި އެކު ކުރިއަށްގެންދަމުންދާ ސްމާޓް ސިޓީޒް ޕްރޮޖެކްޓް ހިމެނެ އެވެ.
ޔޫ.އެން.ޑީ.ޕީގެ ފަރާތުން، މިޔަހެލި ކުރިއަށްގެންގޮސްފައިވަނީ އޮސްޓްރޭލިއަން ސަރުކާރުގެ އެހީގައި ކުރިއަށްދާ ގަވަނަންސް ޕްރޮގްރާމްގެ ދަށުންނެވެ. އޮސްޓްރޭލިއަން އެއިޑް ޕްރޮގްރާމް އިން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިސޯދީ ކުރިއެރުންގެނައުމަށް އަދި ފަގީރުކަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުމަށް ތަފާތު އުފެއްދުންތެރި ޕްރޮގްރާމުތަކަށް އިންވެސްޓްކޮށް، އެހީތެރިވަމުންދެއެވެ.