ހަބަރު

އެންމެންގެ ސުވާލު: އިދިކޮޅު ރަނިންމޭޓަކަށް ވާނީ ކާކު؟

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓެއް އެންމެފަހުން މިރޭ ކަށަވަރުވެގެންދާއިރު އެންމެންގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ އެ ދިމާލަށެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން މިރޭ ކުރިއަށްދާނެ ކުނޫޒާ ދިމާލަށެވެ. ރަނިންމޭޓެއްގެ ގޮތުގައި ނުކުންނާނީ ކޮން ބޭފުޅެއްތޯ އެންމެން ވެސް ދަނީ މިހާރު އަހަމުން އެވެ.

ރަނިންމޭޓް ކަމަށް ކުރިމަތިލައްވާފައިވަނީ ހަތަރު ބޭފުޅުންނެވެ. އެއީ، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި އެ ޕާޓީގެ ނައިބު ލީޑަރު ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންނެވެ.

ހަތަރު ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ އެންމެ ތާއިދު ބޮޑީ ކޮން ބޭފުޅަކަށްތޯ ބެލުމަށް ގިނަ ޕޯލްތަކެއް ވެސް ހިންގާފައިވާއިރު ވާދަވެރި ކެމްޕެއިންތައް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެންމެ ވާދަވެރިކަމަށް ބެލެވެނީ އަލީ ހުސެއިނާއި ފައިސަލް ނަސީމެވެ.

ފައިސަލް ނަސީމަށް މިއަދާ ހަމައަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ތާއިދު އޮތެވެ. ކައުންސިލް މެންބަރުންނަށް ގުޅުއްވައި ފައިސަލަށް ވޯޓު ދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް މިއަދު ގާސިމް ވަނީ ފައިސަލަށް ކުރައްވާ ތާއިދު އަނބުރާ ގެންދަވާފަ އެވެ.

އެމްޑީޕީގެ ތާއިދު އޮތް ކަމަށް ބެލެވެނީ އަލީ ހުސެއިނަށެވެ. އެމްޑީޕީގެ ގިނަ އާންމު މެންބަރުން އަލީ ހުސެއިންނަށް ތާއިދުކޮށް ޓްވީޓްތައް ކުރެ އެވެ. އަލީ ހުސެއިނަކީ އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި ވަރަށް ކުރިންސުރެ ވަރަށް ހަރަކާތްތެރިކޮށް ފެންނަ މެންބަރެކެވެ. މަގުމަތީ ހަރަކާތްތަކުގައި ވެސް އަލީ ހުސެއިން ކުރީ ސަފުގައި ހުންނަވަ އެވެ.

ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެންބަރުން އަދި އެހެން ބައެއް ބޭފުޅުން ވެސް ގަބޫލު ކުރާ ގޮތުގައި އެންމެ މޮޅު ގޮތަކީ ރަނިންމޭޓެއްގެ ގޮތުގައި ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ބޭފުޅެއް ނެރުމެވެ. ރައީސް އަބްދުﷲ ޔާމީން އާއި މުހައްމަދު ޖަމީލު 2013 ގެންގުޅުއްވި ފޯމިއުލާއަށް ބަލާފަ އެވެ. އެހެންވެ އެ ބޭފުޅުންގެ ތާއިދު އޮތީ އަބްދުﷲ އަމީން ރަނިންމޭޓެއްގެ ގޮތުގައި ނެރުމަށެވެ.

ޑރ. ހުސެއިން ރަޝީދަކީ ޕާޓީގެ އިހްތިރާމް ވަރަށް ބޮޑަށް ލިބިފައިވާ ބޭފުޅެކެވެ. ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ވެސް ކައުންސިލް މެންބަރުންގެ ވޯޓަކުން ހަވާލުކޮށްފައިވަނީ އޭނާއާ އެވެ.

އިދިކޮޅު ކޯލިޝަންގެ ދެ ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް މިއަދުގެ ވޯޓުގެ ކުރިން ވަނީ ވަރަށް މުހިންމު އަދި ވިސްނުންތެރި މެސެޖެއް ދެއްވާފަ އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ގައުމަށްޓަކައި ދެވޭ ވޯޓަކަށް މިރޭގެ ވޯޓު ހެދުމަށް އެދިވަޑައިގެންފަ އެވެ. އަދި ވަކި ބޭފުޅަކަށް އެ ދެ ބޭފުޅުން ވެސް ތާއިދު ނުކުރައްވާކަން ހާމަކުރައްވާފަ އެވެ.

އެހެންކަމުން ހުރިހާ ބާރެއް މިހާރު އޮތީ ކައުންސިލް މެންބަރުންގެ އަތް މަތީގަ އެވެ. ރައްޔިތުންގެ ވިންދު ހުރި ގޮތެއް ކަނޑައަޅާނީ އެ މެންބަރުންނެވެ. ތާއިދު ބޮޑު ކެންޑިޑޭޓެއް ވެސް ނިންމާނީ އެ މެންބަރުންނެވެ. އެމްޑީޕީގެ ފަރާތުން ނަޝީދު ވިދާޅުވެފައި ވަނީ ޖޭޕީގެ ވޯޓުން ނިކުންނަ ނަތީޖާއަކަށް އެ ޕާޓީ އިން އިހުތިރާމް ކުރާނެ ކަމަށެވެ.