ހަބަރު

ނަތީޖާއަށް އިހްތިރާމްކުރަން، އަދިވެސް މިހުރީ ސާބިތުވެ: އަލީ ހުސެއިން

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ކަމަށް ވާދަކުރައްވައި އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ބަލިކުރުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ނެގި ސިއްރުން ވޯޓުން އެންމެ ވޯޓެއްގެ ތަފާތުން އަލީ ހުސެއިން ވަނީ ބަލިވެފަ އެވެ. އަލީ ހުސެއިންނަށް 14 ވޯޓު ލިބިލެއްވިއިރު އިންތިހާބު ކާމިޔާބު ކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމަށް ލިބިލެއްވީ 15 ވޯޓެވެ.

ނަތީޖާއަށްފަހު ފައިސަލް ނަސީމަށް މަރުހަބާ ދެންނެވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، މިރޭ ފެނިގެން ދިޔައީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ. އިންޓާނަލް ޑިމޮކްރަސީ ޖުމްހޫރީ ޕާޓީގައި ފައްކާވެފައިވާ މިންވަރު ކަމަށެވެ.

"އެހެންވީމަ ނަތީޖާއަށް އަޅުގަނޑު ހަމަ ވަރަށް އިހްތިރާމް ކުރަން، އިންޝާﷲ އަޅުގަނޑު ފައިސަލްއާއެކީގަ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާ އެކީގަ މަސައްކަތް ކުރާނަން، އަޅުގަނޑުމެން ބޭނުންވާ އަމާޒު އޮޅިގެން ނުވާނެ. އަޅުގަނޑުމެން ބޭނުން ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން،" އަލީ ހުސެއިން ވިދާޅުވި އެވެ.

"އުފާވެރި ރާއްޖެއެއް ހޯދުމަށްޓަކައި ޖުމްހޫރީ ޕާޓީން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިއީ މުހިންމު ދުވަހެއް، މި އެޅުނީ ވަރަށް މުހިންމު ބިންގަލެއް، މި ބިންގަލުގެ މަތީގައި އަޅުގަނޑުމެން ކުރިއަށް ދާނީ އެކީ އެކައްޗަކަށް އަތު ގުޅާލައިގެން ހަތަރު ލީޑަރުން ދައްކަވާ އިރުޝާދާ އެއްގޮތަށް، އަޅުގަނޑު އިރާދަކުރެވިއްޔާ މި މަސައްކަތުގައި ހަމަ ސާބިތުކަމާއެކު ދެމި ހުންނާނަން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އިންތިހާބުގައި ދެން ވާދަ ކުރެއްވި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވެސް ވިދާޅުވީ މިރޭ ޖުމްހޫރީ ޕާޓީން ދެއްކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ. ފައިސަލް ނަސީމާއެކު މަސައްކަތް ކުރައްވާ، އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. މިރޭގެ އިންތިހާބުގެ ނަތީޖާއިން ވެސް ދައްކުވައިދެނީ ރައީސް ޔާމީން ބަލިވެއްޖެކަން ކަމަށެވެ.

އިންތިހާބުގައި ދެ ވޯޓު ލިބިލެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ޕާޓީ ހިންގުމާ ހަވާލުވެ ހުރި މީހާއަށް ދެ ވޯޓު ލިބުމުން ވެސް ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ފައްކާވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. އެއްވެސް ނުފޫޒެއް ބާރު ފޯރުވުމެއް ނެތި އެތެރޭގެ އިންތިހާބުތައް ބޭއްވޭނެކަން މިރޭ ޖުމްހޫރީ ޕާޓީން ސާބިތުކޮށްދީފައިވާ ކަމަށެވެ.