ވިޔަފާރި

ޑޮލަރުން ލިބޭ އާމްދަނީ 16 ޕަސެންޓް އިތުރު ވެއްޖެ

Jul 14, 2018

މި އަހަރުގެ މިހާތަނަށް ޑޮލަރުން ބަލައިގަތް އާމްދަނީ 16 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނި ގޮތުގައި ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް 334 މިލިއަން ޑޮލަރު ވަނީ ދައުލަތަށް ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 287 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 16 ޕަސެންޓުގެ ކުރި އެރުމެކެވެ. އަދި މަހުން މަހަށް ބަލާއިރު މި މުއްދަތުގައި ލިބިފައިވަނީ 41 ޕަސެންޓް އިތުރު ވުމެކެވެ. މި އަހަރުގެ ޖޫން މަހު ލިބުނީ 49 މިލިއަން ރުފިޔާ އެވެ. އަދި ޖެނުއަރީ މަހު ލިބިފައިވަނީ 35 މިލިއަން ޑޮލަރެވެ.

ޑޮލަރުން ދައުލަތަށް އާއްމު ގޮތެއްގައި އާމްދަނީ ލިބޭ ވަސީލަތަކީ ޓޫރިޒަމް ދާއިރާއިން ލިބޭ ޓެކްސް އާއި ފީއިންނެވެ.

ޓޫރިޒަމް މިނިސްޓްރީން މެއި މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް 632,729 މީހުން ވަނީ ރާއްޖެެ އަށް ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި 572,318 މީހުންނާ އަޅާބަލާއިރު 10.6 ޕަސެންޓް އިތުރުވުމެކެވެ.