ދުނިޔެ

ނަވާޒް ޝަރީފް އެނބުރި ޕާކިސްތާނަށް ވަޑައިގެންނެވުމާއެކު ޖަލަށް

Jul 14, 2018

ލާހޯރު (ޖުލައި 14) - ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އެނބުރި ގައުމަށް ވަޑައިގެންނެވުމާއެކު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ހިޔާނާތުގެ ކުށް ސާބިތުވެ ނަވާޒް ޝަރީފު 10 އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކުރީ މިދިޔަ ހަފްތާގަ އެވެ.

ލިބޭ އާމްދާނީ އާއި ނުބައްދަލު އަދަދަކަށް އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރު ފްލެޓް ބައްލަވައިގެންނެވި މައްސަލާގައި، އެތަކެއް މަސްތަކަކަށް ދިގުދެމިގެންދިޔަ ޝަރީއަތަކަށްފަހު ނަވާޒް ޝަރީފާއި ދެކޮޅަށް ހުކުމްކުރީ، ނެޝަނަލް އެކްއުންޓަބިލިޓީ ބިޔުރޯ (އެންއޭބީ) ގެ ކޯޓަކުންނެވެ.

ލަންޑަނުގައި ހުންނަވިކޮށް ނަވާޒް ޝަރީފަށް ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ. އަދި މި މައްސަލާގައި އޭނާގެ އަންހެން ދަރިފުޅާއި، ދަނބިދަރިފުޅަށް ވެސް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ލާހޯރު އެއާޕޯޓަށް ވަޑައިގެންނެވުމާއެކު ނަވާޒް ޝަރީފުގެ އިތުރުން އެ މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފްލެޓްތައް ބައްލަވައިގެން މައްސަލަ ފެންމަތިވެފައިވަނީ 2015 ވަނަ އަހަރު ލީކުވި ޕެނަމާ ޕޭޕާސް ތެރޭގަ އެވެ. ޕާކިސްތާނުގެ ސުޕްރީމު ކޯޓުން ނަވާޒް ޝަރީފް މަގާމުން ދުރުކުރީ ވެސް މި މައްސަލާގަ އެވެ.

ޝަރީފު ވަޑައިގެންނެވިއިރު، އެ މަނިކުފާނު ޕާޓީގެ 600 ގިނަ މީހުން ހައްޔަރުކުރެވިފައިވީ ނަމަވެސް، ޕާޓީގެ އެތަކެއް ހާސް ސަޕޯޓަރުންނެއް ވަނީ މަގު މައްޗަށް ނުކުމެ އަޑުއުފުލާފަ އެވެ. އެ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާއި ދެކޮޅަށް ކުރިމަތިލުންތަކެއް ހިނގާ ގިނަ މީހުން ޒަހަމްވެފައިވާއިރު، އާންމު އިންތިހާބާއި ދިމާކޮށް ގައުމުގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 130 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.