ހަބަރު

ފައިސަލް ނަސީމް އައްޑުއަށް ވަޑައިގެން ކެމްޕޭނާ ގުޅިވަޑައިގެންފި

Jul 14, 2018
1

އިދިކޮޅު ރަނިންމޭޓެއްގެ ގޮތުގައި ހޮވިވަޑައިގެން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އައްޑުއަށް ވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހުއާ އެކު ކެމްޕޭންގައި ބައިވެރިވާން ފައްޓަވައިފި އެވެ.

ފައިސަލް ނަސީމް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އެމަނިކުފާނު އައްޑުއަށް ވަޑައިގެންނެވުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އައްޑޫގައި މިވަގުތު ތިއްބެވި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި އިދިކޮޅު އިއްތިހާދުގެ މަޖިލިސް މެންބަރުން އެވެ. އެއަށް ފަހު ފައިސަލް ނަސީމް ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ އައްޑޫގައި ބައްދަލު ކުރައްވައިފަ އެވެ. އަދި އެއަށް ފަހު އީބޫއާ އެކު ފައިސަލް ނަސީމް ވެސް ގެންދަވަނީ ދޮރުން ދޮރަށް ކެމްޕޭންގައި ބައިވެރިވެ ވަޑައިގަންނަވަމުން އެވެ.

މީގެ އިތުރަށް، ފައިސަލް ނަސީމްގެ އުފަން ރަށް ފުވައްމުލަކަށް ވެސް އިބޫ މިއަދު ފައިސަލްއާ އެކު ވަޑައިގަންނަވާނެ އެވެ. އަދި އެ ރަށުގައި އިބޫގެ ރަސްމީ ކެމްޕޭން ފެއްޓެވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫ ވިދާޅުވީ ފައިސަލް އަކީ އިސްލާހީ މަސައްކަތުގައި ދެމި ހުންނެވި ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. އަދި އެފަދަ ބޭފުޅަކު ރަނިންމޭޓެއްގެ ގޮތުގައި ލިބިވަޑައިގަތުމަކީ މި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނަން ލިބޭނެ ބޮޑު އެހީއަކާ ބާރަކަށް ވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފައިސަލްގެ އިހުލާސްވެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި ރާއްޖެ ބޭނުންވާ މަންޒިލަށް ދިޔުމަށް މިކުރާ ދަތުރުގައި ފައިސަލް ނަސީމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިބޫ ވިދާޅުވި އެވެ.