ކުޅިވަރު

ގަތަރަށް ހޫނުގަދަ ކަމުން ވޯލްޑްކަޕުގެ ތާރީހް ފަސްކޮށްފި

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕު ނޮވެމްބަރާއި ޑިސެމްބަރުގައި ބޭއްވުމަށް ފީފާއިން ނިންމައިފި އެވެ.

ވޯލްޑްކަޕުގެ ތާރީހުގައި އެ މުބާރާތް މުޅިންވެސް ބާއްވާފައި ވަނީ މެއި ޖޫން ނުވަތަ ޖޫން ޖުލައިގަ އެވެ. އެ ދުވަސްވަރަކީ ގަތަރަށް އާދަޔާ ހިލފަށް ހޫނު ދުވަސް ވަރެކެވެ.

ގަތަރުގެ ވޯލްޑްކަޕު ފެށުމަށް ހަމަޖެހިފައި ވަނީ، ނޮވެމްބަރު 21، 2022 ގަ އެވެ. ވޯލްޑްކަޕު ފައިނަލު މެޗު އޮންނާނީ ޑިސެމްބަރު 18 ގަ އެވެ. އެ ދުވަހަކީ ގަތަރުގެ ގައުމީ ދުވަސްވެސް މެ އެވެ.

ފީފާގެ ރައީސް، ޖިއާނީ އިންފެންޓިނޯ ވިދާޅުވީ، ގަތަރުގައި ބާއްވާ ވޯލްޑްކަޕު ނޮވެމްބަރު ޑިސެމްބަރަށް ފަސް ކުރީ، ގަތަރުގެ މޫސުމަށް ބެލުމަށް ފަހުގައި ކަމަށެވެ. އަހަރުގެ މެދުތެރެއަކީ ހަނަފަސް ސަހަރާތައް ގިނަ މެދުއިރުމަތީގެ ގައުމަށް އާދަޔާ ހިލާފަށް ހޫނު ދުވަސް ވަރެކެވެ. ގަތަރުގެ ހޫނު މިން 41.3 ޑިގްރީ ސެލްސިއަސް އަށް އެ ދުވަސްވަރުގައި އަރައެވެ.

ވޯލްޑްކަޕު ނޮވެމްބަރު ޑިސެމްބަރަށް ބަދަލު ކުރުމުން އެންމެ އުނދަގު ވާނީ ޔޫރަޕްގެ ޓީމު ތަކަށެވެ. އެއީ ޔޫރަޕްގައި ފުޓްބޯޅަ ސީޒަން ކުރިއަށް ސީޒަން ފަށަނީ އޯގަސްޓުން ޖެހިގެން އަންނަ އަހަރު މެއީ މަހުގެ ނިޔަލަށެވެ. ނޮވެމްބަރު ޑިސެމްބަރަކީ ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ފޯރިއާއެކު ކުރިއަށްދާ މުއްދަތެވެ. އެ އަހަރު ވޯލްޑްކަޕަށް ޔޫރޕުގެ ފުޓްބޯޅަ ސީޒަން އެހެން ގޮތަކަށް ފައްތަން ޖެހޭނެ އެވެ.

ގަތަރުގެ ވޯލްޑްކަޕުން ފެށިގެން، ވޯލްޑްކަޕުގެ ޖާގަ 48 ޓީމަށް ހެދުމަށް ފީފާއިން ކުރިން ހުށަހެޅި އެވެ. އިންފެންޓިނޯ ވިދާޅުވީ ޓީމުގެ އަދަދު އިތުރު ކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ގަތަރުގައި 2022 ގައި ވޯލްޑްކަޕު ބޭއްވުމަށް ފަހު، ޖެހިގެން އަންނަ ވޯލްޑްކަޕު އޮންނާނީ އެމެރިކާ އާއި މެކްސިކް އަދި ކެނަޑާގަ އެވެ. އެއީ 2026 ގަ އެވެ.