ހަބަރު

ރާއްޖެއަށް ފިޔަވަޅު އެޅުމަށް ހޯމަ ދުވަހު ބާއްވާ އީޔޫ ކައުންސިލްގައި އެޖެންޑާކޮށްފި

ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އަދިވެސް ގޯސްވަމުންދާތީ، ދިވެހި ސަރުކާރުގެ އެކި އެކި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އެކި މުއައްސަސާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފޮރިން އެފެއާޒް ކައުންސިލުގެ ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނައިފި އެވެ.

އީޔޫގެ ޕޮލިސީލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލް ބައްދަލުވުން ބާއްވާނީ މި މަހުގެ 16ވާ ހޯމަ ދުވަހު އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

އީޔޫގެ ރަސްމީ ވެބްސައިޓްގައި އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުގައި ރާއްޖޭގެ އިސްވެރިންނަށް ފިޔަވަޅު އެޅުމުގެ މައްސަލަ އޮތީ އެޖެންޑާގެ ފަސްވަނަ ނަމްބަރުގަ އެވެ. ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލަށް މައްސަލަ އެޖެންޑާ ކުރީ، ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ސަރުކާރުން ތަބާނުވެ، ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި ކުރީގެ ރައީސް މައުމޫން އާއި މަޖިލީހުގެ މެންބަރުންނާއި އަދި ބައެއް ސިޔާސީ ފަރާތްތައް ހައްޔަރުކޮށް ދައުވާ ކުރުމާ ވިދިގެން ރާއްޖެ އިސްލާހުގެ މަގަށް ގެންނަން ރާއްޖެއަށް ފިޔަވަޅުތައް އެޅުމަށް އީޔޫގެ ކައުންސިލަށް ހުށަޙަޅަން ފާސްކުރި ގަރާރާ ވިދިގެން އެވެ.

ރާއްޖޭގެ ހާލަތު ރަނގަޅު ނުވާނަމަ، ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އެޅުމާއެކު ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައިވާ ގަރާރުގެ މަތިން، ދިވެހި ސަރުކާރަށް ވަނީ ހަނދާންކޮށްދީފަ އެވެ. މި ގަރާރަކީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކުރުމާ ގުޅިގެން، އެ ހާލަތު އުވާލައި ސިޔާސީ ހައްޔަރީންނާއި ފަނޑިޔާރުން މިނިވަން ކުރަން ބާރު އެޅުމުގެ ގޮތުން އީޔޫ ކައުންސިލުން ފާސްކުރި ގަރާރެކެވެ.

މީގެ އިތުރުން، އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ އިތުރުން، މުސްތަގުބަލުގައި އީޔޫ އާއި ރާއްޖެ އާދެމެދު އޮންނަ ގުޅުމަށް މުހިންމުކަމެއް ކަމުގައި ސަރުކާރުގެ ވަފުދެއް ދާދި ފަހުން އީޔޫ އަށް ކުރެއްވި ދަތުރުފުޅެއްގައި އީޔޫ އިން ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހު ފިޔަވަޅު އެޅުމަށް އީޔޫ އިން ތައްޔާރުވެފައިވާއިރު، މި މަހުގެ ތެރޭގައި އެކަން އެގޮތަށް ކުރާނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ މިދިޔަ ހަފްތާ ތެރޭގައި ވިދާޅުވެފަ އެވެ.

"އަޅުގަނޑު އެބަ އިންތިޒާރު ކުރަން މި މަހުގެ ތެރޭގައި އެ ފިޔަވަޅުތައް އަޅާނެ ކަމަށް، އަދި އެ ވާހަކަތައް އުފަލާއެކު އެމްޑީޕީ ބޭފުޅުން އެބަ ދައްކަވާމެ، އަޅުގަނޑު މިކަން ބަލައިގަންނަނީ އުފަލާއެކުއެއް ނޫން، ކަންބޮޑުވުމާއެކު،" މ. ދިއްގަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވެ އެވެ.