ހަބަރު

އެމްޑީޕީއާ ޖޭޕީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހުތައް އީސީއިން އެންޑޯޒްކޮށްފި

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހުތައް އިލެކްޝަން ކޮމިޝަން (އީސީ) އިން އެންޑޯޒްކޮށްފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ޖޭޕީ އާއި އެމްޑީޕީ އިން ބޭއްވި ކޮންގްރަސްގައި އެ ދެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި ބަދަލުތައް އީސީއަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ބައެއް މައްސަލަތައް ފާހަގަކޮށް، އެކަން ހައްލު ކުރުމަށް އެ ދެ ޕާޓީއާ ވާހަކަ ދައްކަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އަސާސީ ގަވައިދަށް ވަރަށް ގިނަަ އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ބުނެ އީސީއަށް ފޮނުވާފައިވީ ނަމަވެސް އެ ޕާޓީގެ ކުރީގެ އަސާސީ ގަވައިދާ އަޅާކިޔާއިރު ބައެއް އިސްލާހުތައް ފާސްވިކަން ނުވަތަ ނޫންކަން އެނގެން ނެތް ކަމަށް ކުރިން އީސީ އިން ބުންޏެވެ.

އޭގެ އިތުރުން ޖޭޕީ އިން އަސާސީ ގަވައިދުގައި ކޮންމެހެން ވެސް ހިމަނަން ޖެހޭ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ބައެއް ކަންކަން އުނިކޮށްފައިވާ ކަމަށާއި އެހެންކަމުން އެކަން ވެސް ބަލައި ނުގަނެވޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ނަމަވެސް އީސީ އިން މިއަދު ކުރި ޓްވިޓެއްގައި ބުނީ އެމްޑީޕީ އާއި ޖޭޕީގެ ގައުމީ ކޮންފަރަންސްގައި ފާސް ކުރި ޕާޓީތަކުގެ އަސާސީ ގަވައިދަށް ގެނައި އިސްލާހުތައް އީސީ އިން އެންޑޯޒްކޮށްފައިވާ ކަމަށާއި އެ ގަވައިދުތައް ދަފްތަރުކޮށްފައިވާ ކަމަށެވެ.