ރާއްޖޭގެ މައި އެއާޕޯޓަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޯޓު ޖައްސަން އެންމެ ރަންވޭއެއް އޮތުމެވެ. އެކަން ހައްލު ކުރަން މިހާރު އަޅަމުންދާއާ ރަންވޭގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް އެއްކޮށް ނިމޭނެ އެވެ.
"މަސައްކަތް ދަނީ ޝެޑިލާ އެއްގޮތަށް. އިރާދަކުރެއްވިއްޔާ އަންނަ މަހުގެ 30 ގެ ނިޔަލަށް ރަންވޭގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމޭނެ،" މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޮފިޝަލެއް "އަވަސް" އަށް މިއަދު ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަޝްރޫއުގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ އާ ރަންވޭގެ މަސައްކަތް ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ނެވެ. ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާފައިވެ އެވެ.
އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތް އެއްކޮށް ނިމުމާއެކު، ރަންވޭގައި މާކު ޖެހުމުގެ މަސައްކަތް މި ހަފުތާގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
"ގްރީން އޭރިއާ އެއްކޮށް އަދި ނުމިމޭ. މިހާރު ގްރީން އޭރިއާ ހަދަނީ. މިތަން ހަދަނީ އޮއް އިންދައިގެން އެއިން ވިނަ ފަޅުވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ރަންވޭ "ފެންނަނީ" ބޮޑު މަސައްކަތަކުން!
އާ ރަންވޭއެއްގެ ގޮތުގައި މިހާރު ފެނުނު ނަމަވެސް މީގެ ދެ އަހަރު ކުރިން މިއީ ހުޅުލެ ފަޅުތެރޭގައި ކުނި ޖަމާވެފައި އޮތް ހުސް ތަނެވެ. ފަޅެކެވެ. ނަމަވެސް 400 މިލިއަން ޑޮލަރުގެ މި މަޝްރޫއު ޗައިނާ ބީޔޫސީޖީއަށް ސަރުކާރުން ހަވާލު ކުރުމާއެކު، ބިން ހިއްކުމުގެ މަސައްކަތް ކުރަން ވަނީ މަޝްރޫއު ގަލްފް ކޮބްލާ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ވަނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އާ ރަންވޭ އަޅާ ސަރަހައްދުގެ 62 ހެކްޓަރު (ގާތްގަނޑަކަށް 100 ފުޅުބޯޅަ ދަނޑު) ގެ ސަރަހައްދެއް ހިއްކާ ނިންމާލާފަ އެވެ. އަދި 3،300 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ޖަހާފައިވެ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓު ބިން ހިއްކުމުގެ މަޝްރޫއަކީ ގޮންޖެހުން ބޮޑު މަސައްކަތެކެވެ.
"ހިނގަ ހިންގާ އޮތް އެއާޕޯޓެއްގައި މިފަދަ މަސައްކަތެއް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ނަމަވެސް މަސައްކަތް ކުރިއަށް ދިޔައިރު އެއްވެސް ފްލައިޓަކަށް ބުރޫ އެރުމެއް ނެތި މަސައްކަތް މި ނިންމާލެވުނީ،" އާދިލް ވިދާޅުވި އެވެ.
އާ ރަންވޭގެ ބޭނުމަކީ ކޮބާ؟
ދުނިޔޭގައި މިހާރު ބޭނުން ކުރާ އެންމެ ބޮޑެތި ބޯޓު ފަހަރު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީ ކޮށްފައިވާ މި ރަންވޭ އަޅައިނިމޭއިރު، މިހާރު ވީއައިއޭގައި އޮންނަނީ އެންމެ ރަންވޭ އެކެވެ. މީގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ޖައްސާ ނަގާ ބޯޓު ފަހަރަށް ޖާގަ ނުލިބުމެވެ. ރަންވޭއިން ޖާގަ ނުލިބިގެން ނުޖެއްސި، ނުވަތަ ނުފުރިފައި އޮންނަން ޖެހުމެވެ. މިކަން ހައްލު ވެއްޖެނަމަ އެއާޕޯޓަށް ޖައްސާ ފްލައިޓުތަކަށް ގާތްގަނޑަކަށް 30 މިނެޓު ވަރު އަވަސް ވެގެންދާނެ އެވެ. އޭރުން މިހާރުގެ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
ޗައިނާ ބީޔޫސީޖީއަކީ ކޮން ބައެއް؟
ވީއައިއޭގެ ރަންވޭގެ އިތުރުން ފިއުލް ފާމް އާއި ގާގޯޓާމިނަލް އަދި ބޯޓު ފާކު ކުރާ އޭޕްރަންގެ މަސައްކަތް ވެސް ކުރަނީ ޗައިނާ ބީޔޫސީޖީ ކުންފުނިންނެވެ. ސުވާލަކީ ޗައިނާ ބީޔޫސީޖީއަކީ ކިހާވަރެއްގެ ކުންފުންޏެއް ހެއްޔެވެ.
ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އަކީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. އަދި މި ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާގެ އެންމެ ބޮޑު 500 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. އަދި ޗައިނާގެ އޮލިމްޕިކް ސްޓޭޑިއަމް ބާޑްނެސްޓް ސްޓޭޑިއަމް އާއި ބެއިޖިން އިންޓަނޭޝަނަލް އެއާޕޯޓު ވެސް ތަރައްގީ ކުރީ ވެސް މި ކުންފުނިންނެވެ.
އާ ރަންވޭ ކުރުކޮށް
- މަސައްކަތް ކުރަނީ ބީޔޫސީޖީއިން
- ރަންވޭ އަޅަން 62 ހެކްޓަރު ހިއްކާފައިވޭ
- މަޝްރޫއުގެ އަގު 400 މިލިއަން ޑޮލަރު
- ދިގުމިނުގައި 3،400 މީޓަރު ހުރޭ
- ފުޅާމިނުގައި 60 މީޓަރު ހުންނާނެ
ރަންވޭގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޕެސެންޖަރު ޓާމިނަލް އާއި ތެލާއި ކާގޯ ރައްކާ ކުރާނެ ވަސީލަތް ގާއިމްކުރާނެ އެވެ. މި މަސައްކަތް އެއްކޮން ނިމެން އަދި ދުވަސް ނަގާނެ އެވެ. ނަމަވެސް މި ހުރިހާ މަސައްކަތްތެއްގެ ކުރީގައި އާ ރަންވޭ އަންނަ މަހު އެއްކޮށް ނިމޭނެ އެވެ. ހަމަ ގައިމުވެސް މިކަންވާނީ އެއާޕޯޓުގެ ބައި ގަރުނުވީ ތާރީހުގައި ފާހަގަ ކުރެވޭނެ ދުވަހަކަށެވެ.