ހަބަރު

މުއައްވިޒާއި ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދާއި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލް ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަންޖެހޭއިރު އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމާ ގުޅިގެން ދެ ގޮނޑި ވަނީ ހުސްވެފަ އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ.

އޭގެ ތެރޭގައި އޭސީސީގެ މުއައްވިޒާއި ޖޭއެސްސީގެ ފައިސަލް ހިމެނިވަޑައިގަންނަވާކަން ވަނީ ޔަގީންވެފަ އެވެ.

ފައިސަލަކީ ޖޭއެސްސީއަށް ރައިސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރައްވާފައިވާ މެންބަރެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާއިރު ޖޭއެސްސީއަކީ ކޯޓުތަކަށް ފަނޑިޔާރުން ހޮވުމުގެ ޒިންމާ އަދާކުރާ މުއައްސަސާ އެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަހުން ފައިސަލް ޖޭއެެސްސީގެ މަސައްކަތްތަކުގައި ބައިވެރިވަޑައިނުގަންނަވަ އެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ މުއައްވިޒު ރަޝީދު އޭސީސީގައި ހުންނަވާތާ މިއީ ދެވަނަ ދައުރެވެ. އޭނާ އެންމެ ފުރަތަމަ އޭސީސީއަށް އައްޔަން ކުރެއްވީ 2009 ވަނަ އަހަރު އެވެ. ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ.