މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވާން މިދިޔަ ބުދަ ދުވަހު ހައުސިން މިނިސްޓްރީން ހުޅުވާލުމުން ފާއިތުވި ތިން ދުވަހުގެ ތެރޭގައި 1800 އަށްވުރެ ގިނަ މީހުން ފޯމް ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް މިއަދު ވިދާޅުވީ، ދަފްތަރުގައި ޖެހެން ހުޅުވާޅުމާއެކު ގިނަ ބަޔަކު ރަޖިސްޓްރީވާން އެދި ފޯމް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ނެގި ފޯމްތަކުގެ އަދަދު 1800 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު އަދިވެސް ގިނަ ބަޔަކު ފޯމް ނަގަމުންދާ ކަމަށެވެ.
ދަފްތަރުގައި ޖެހުމުގެ ފުރުސަތު ސަރުކާރުން މިވަގުތަށް ހުޅުވާލާފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ. އެހެން ނަމަވެސް ދަފްތަރު ކެޓަގަރީގެ ދަށުން ފްލެޓަށް ލާން ބޭނުންވާ ފަރާތްތަކުން 31 އޮގަސްޓުގެ ކުރިން ދަފްތަރުގައި ރަޖިސްޓްރީވުމަށްފަހު ފްލެޓް ފޯމް ހުށަހެޅުމަށް ނަޒީމް އެދިވަޑައިގެންނެވި އެވެ.
މާލޭގައި ދިރިއުޅެމުން އަންނަ ރަށްރަށުގެ މީހުން، މާލޭގެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު، ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް މީގެ ކުރިން ވިދާޅުވީ، ދަފްތަރުގައި ރެޖިސްޓާ ވުމަށް ފޯމް ހުށަހެޅުމުން އެ ފަރާތަކަށް މިނިސްޓްރީއިން ސްލިޕެއް ދޭނެ ކަމަށެވެ. އަދި އެ ސްލިޕްއާއެކު ދަފްތަރުގެ ކެޓަގަރީއަށް ފޯމް ހުށަހެޅޭނެ ކަމަށެވެ. ދަފްތަރުގައި ރެޖިސްޓާވުމަށް ހުށަހެޅި ނަމަވެސް ވޯޓުލާ ދުވަހުގެ ކުރިން ދަފްތަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އައިޑީކާޑު ވެސް ބަދަލު ކުރާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭރުން އެއްވެސް ފަރާތަކަށް ވޯޓުލުމުގެ ފުރުސަތެއް ނުގެއްލޭނެ ކަމަށާއި އެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވެސް އެއްބަސްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ދަފްތަރުގައި ޖެހެން ގިނަ ބަޔަކު ފޯމް ނަގާފައިވާއިރު ހައުސިން މިނިސްޓްރީން މިހާރު ވަނީ ދަފްތަރުގެ ދަށުން ފްލެޓަށް ލާމީހުންނަށް މާކްސްދޭ މިންގަނޑަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކަށް މިނިސްޓްރީން ގެނައި ބަދަލަކީ، އަލަށް ދަފްތަރުގައި ޖެހޭ މީހެއް ނަމަ، ފޯމުގައި ޕޮއިންޓްދޭ މިންގަނޑުތަކުގެ ތެރެއިން 40 ޕޮއިންޓް ދޭންވީ ދަފްތަރުގައި ދެމިހުރި މުއްދަތު ތޯނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތުގެ ދަށުންތޯ ފޯމް ހުށަހަޅާ ފަރާތަށް އިހްތިޔާރުކުރެވޭ ގޮތަށް ގެނައި ބަދަލެވެ. އަދި މި ބަދަލުތަކުގެ ތެރޭގައި މާލޭގައި މެދުނުކެނޑި އުޅުނު މުއްދަތު ސާބިތުކުރުމަށް ތަނަކުން ރަސްމީ ލިޔުމެއް ހޯދުމުގެ ބަދަލުގައި ދެ ހެއްކެއްގެ ހެކިބަސް ބޭނުންވާ ގޮތަށް ވެސް އިސްލާހެއް ވަނީ ހިމަނާފަ އެވެ.