ހަބަރު

އެމްޑީޕީގެ ހިނގާލުމަށް ފުލުހުން ފުރުސަތެއް ނުދިން

Jul 15, 2018
5

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށާއި އިދިކޮޅު ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން މިއަދު ބާއްވަން ނިންމި ހިނގާލުން ފެށުމުގެ ކުރިން އެ ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ފަރާތްތައް ފުލުހުން އެމްޑީޕީ އޮފީސް ސަރަހައްދުން ހައްޔަރު ކުރަން ފަށައިފި އެވެ.

އެމްޑީޕީ އޮފީސް ހިމެނޭ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިޔާ، މޫސާ ރަޝީދު ބުނީ ހިނގާލުން ފެށުމަށް އެމްޑީޕީ ހަރުގެ ސަރަހައްދަށް މީހުން އެއްވަމުން ދާ ކަމަށާއި އެންމެން ވެސް ތިބީ ޕޭމަންޓްމަތީގައި ކަމަށެވެ. އަދި މީހުން ޕޭމަންޓް މަތީގައި ތިއްބައި ފުލުހުންގެ ޓީމެއް އައިސް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލެއްގައި ގެންގޮސްފައިވާ ކަމަށް ވެސް މޫސާ ރަޝީދު ބުންޏެވެ. އެ ސަރަހައްދަށް މިހާރު ވަނީ އެސްއޯ ފުލުހުން ވެސް އައިސްފަ އެވެ.

ފުލުހުން އެ ސަރަހައްދަށް އައިއިރު ހިނގާލުމުގެ ބައިވެރިން ވަނީ ސޯސަންމަގު މެދަށް އެއްވެފަ އެވެ. އެއާ އެކު އެސްއޯފުލުހުން ވަނީ އެ މީހުންނަށް ކުރިއަށް ނުދެވޭ ގޮތަށް ސަފު ރުކުރުވާލައިފަ އެވެ. ފުލުހުން ވަނީ އެމްޑީޕީ އޮފީސް ސަރަހައްދު ސޯސަންމަގު ދެފަޅިން ކުރިއަށް ނުދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. ހިނގާލުން ރޫޅާލުމަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ.

އެމްޑީޕީ އޮފީސް ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން އިންޒާރުދިން ނަމަވެސް، އެއްވުން ހުއްޓާލީ އިރުއޮއްސެން އުޅެނިކޮށެވެ.