ދުނިޔެ

ޕުޓިން-ޓްރަމްޕް ބައްދުލުވުމަށް މާބޮޑު އުއްމީދެއް ނެތް

Jul 16, 2018

ރަޝިޔާގެ ރައީސް ވުލަޑީމީރު ޕުޓިން އާއެކު މިއަދު ފަށްޓަވާ ބައްދަލުކުރެއްވުންތަކުގައި މާބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އެމެރިކާ ރައީސް ޑޮނަލްޑު ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފިންލަންޑުގެ ވެރިރަށް ހެލްސިންކީގައި ދެ ރައީސުންގެ ތާރީހީ ބައްދަލުވުން ބޭއްވުމަށްހަމަޖެހިފައިވަނީ، 2016 ވަނަ އެމެރިކާގެ ރިޔާސީ އިންތިހާބު ހެކު ކުރިކަމުގެ ތުހުމަތުގައި އެމެރިކާއިން 12 ރަޝިޔާ ރައްޔިތުންނަށް ހުކުމްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެ މައްސަލަ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޕުޓިން އާއެކު ބޭއްވޭ ބައްދަލުވުގައި ރަސްމީ އެޖެންޑާ އެއް ނޯންނާނެ ކަމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.

އިންތިހާބު ހެކުކުރު މައްސަލާގައި، މި ބައްދަލުވުން ކެންސަލް ކުރުމަށްވެސް ޓްރަމްޕަށް ދަނީ ގޮވާލަމުންނެވެ. ރަޝިޔާ ސަރުކާރުގެ އެއްވެސް އަތެއް އެކަމުގައި ނުވާނެކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.

މި ބައްދަލުވުމުގައި، އިނގިރޭސިވިލާތުގައި ނުރައްކާތެރި ވިހައެއްގެ އަސަރު ކުރި ދެ މީހުންގެ މައްސަލަ ނެންގެވުމަށްވެސް ގިނަ ބަޔަކު ވަނީ ޓްރަމްޕަށް ގޮވާލާފަ އެވެ. އެ ދެ މީހުންނަށް ވެސް އަސަރުކޮށްފައިވާ އެ ވިހަ އަކީ މިދިޔަ މާޗު މަހު ރަޝިޔާގެ ކުރީގެ ޖާސޫސެއް މަރާލަން ބޭނުންކުރި "ނޮވިޗޮކް" ކިޔާ ނުރައްކާތެރި ވިހަ އެކެވެ.

އެ ގޮވާލުންތަކަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، ސީރިއާ އާއި މެދު އިރުމަތީގެ މައްސަލަތަކާއި ގުޅޭގޮތުން ޕުޓިން އާއި ވާހަކަ ދައްކަވާނެ ކަމަށް ޓްރަމްޕް ވަނީ އިޝާރާތެއް ދެއްވާފަ އެވެ.