މިއުޒިކް

ސެލީނާގެ މެއިލް ހެކުކުރި މީހާއަށް 11 ދައުވާއެއް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޯމޭޒްގެ އީމެއިލް ހެކުކުރި މީހާގެ މައްޗަށް ތަފާތު 11 ދައުވާއެއްކޮށްފި އެވެ.

ސެލީނާގެ އީމެއިލް ހެކުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ނިއު ޖާސީއަށް ނިސްބަތްވާ 21 އަހަރުގެ އަންހެނެކެވެ. ވެރައިޓީން ރިޕޯޓުކުރި ގޮތުގައި އެ އަންހެން މީހާގެ މައްޗަށް ވަނީ އީމެއިލް ހެކުކުރިކަމުގެ ދައުވާގެ އިތުރުން މީހެއްގެ އައިޓެންޓިޓީ ވަގަށް ނަގަން އުޅުނުކަމުގެ ފަސް ދައުވާ އާއި ކޮމްޕިއުޓާ ހެކިންގެ ފަސް ދައުވާއެއް އުފުލާފަ އެވެ.

މި ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ އެ އަންހެން މީހާގެ މައްޗަށް ނުވަ އަހަރާއި އަށް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.

މި މައްސަލަ ބަލަމުން އަންނަ ލޮސް އެންޖެލަސްގެ ކައުންޓީ ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން ބުނި ގޮތުގައި މި އަންހެން މީހާ ވަނީ ސެލީނާގެ މެއިލްއާއި އޭނާއާއެކު މަސައްކަތްކުރާ އެހެން މީހެއްގެ މެއިލް، ޖޫން 2015 އިން ފެބްރުއަރީ 2016 އާއި ދެމެދުގައި ހެކުކޮށްގެން އޭގައި ހުރި ބައެއް މައުލޫމާތު ނަގައި ވަގަށް ބޭނުންކޮށްފަ އެވެ.

މި އަންހެން މީހާގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހު 27 ގަ އެވެ. ޕްރޮސެކިއުޓާ އޮފީހުން ބުނިގޮތުގައި ކާފާލާތުގެ ދަށުން އެ އަންހެން މީހާ ގޭ ބަންދަށް ދޫކޮށްލެވޭނީ 250،000 ޑޮލަރަށް ކަމަށެވެ.

ސެލީނާ މިހާރު އަވަދިނެތި އުޅެނީ މި އަހަރު ފަހުކޮޅު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ އޭނާގެ ފިލްމު "އަ ރެއިނީ ޑޭ އިން ނިކު ޔޯކް" ގެ މަސައްކަތުގަ އެވެ. އެ ފިލްމުގައި އޭނާއާއެކު އެލީ ފެނިން އަދި ޓިމޮތީ ޝެލްމެޓް ފެނިގެންދާނެ އެވެ.