ދުނިޔެ

ފިރިހެން ފަންނާނެއްގެ ގައިގަ ބެއްދި ސައުދީ އަންހެނަކު ހައްޔަރުކޮށްފި

Jul 16, 2018
3

ރިޔާދު (ޖުލައި 15) - ޝޯއެއް ހުށަހަޅައިދެމުން ދަނިކޮށް ސްޓޭޖަށް އަރާ، ފިރިހެން ލަވަކިޔުންތެރިއެއްގެ ގައިގާ ބެއްދި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ އަންހެން މީހާ ދުވެފައި ސްޓޭޖަށް އެރީ މަޝްހޫރު އަރަބި ލަވަކިޔުންތެރިޔާ މާޖިދު އަލް މޮހަންދިސް ސައުދީގެ ހުޅަނގުން އޮންނަ ތާއިފު ސިޓީގައި ޝޯއެއް ހުށަހަޅައިދެމުން ދަނިކޮށެވެ.

އެ ހާދިސާގެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ އަންހެން މީހާ މާޖިދު ގައިގާ އޮޅުލައިގަތުމުން، ސެކިޔުރިޓީ ބަލަހައްޓަން ތިބި މީހުން އޭނާ ދުރުކުރަން މަސައްކަތް ކުރެ އެވެ.

އިރާގަށް އުފަން މާޖިދު މިހާތަނަށް އެ ހާދިސާ އާގުޅިގެން އެއްޗެއް ބުނެފައެއްނުވެ އެވެ. އެ އަންހެން މިހާ ވަގުތުން ހައްޔަރުކޮށްފައިވާ އިރު، އޭނާ އަށް ދައުވާ ކުރުން އެކަށީގެންވާކަމަށް ސައުދީ މީޑިއާ އިން ވަނީ ބުނެފަ އެވެ.

އަންހެނުންގެ ހައްގުތަކާއި މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ސައުދީ ސަރުކާރަށް އަބަދުވެސް ވަރަށް ފާޑު ކިޔުންތައް އަމާޒުވެ އެވެ. މިކަމާ ގުޅިގެން، ސައުދީ އަކީ ޒަމާނީ މެދުމިނުގެ އިސްލާމީ ދައުލަތަކަށް އަނބުރާލުމަށް ޒުވާން ވަލީއަހްދު މުހައްމަދު ބިން ސަލްމާން ވަނީ މަސައްކަތްތައް ފައްޓަވާފަ އެވެ.

މިގޮތުން ސައުދީ އަރަބިއާގައި އަންހެނުންނަށް ވެހިކަލް ދުއްވޭ ގޮތަށް މިދިޔަ މަހު ވަނީ ހުއްދަ ދީފަ އެވެ.