ހަބަރު

މައިކަށީގެ ބޮޑު އޮޕަރޭޝަނެއް އައިޖީއެމްއެޗްގައި ކޮށްފި

އަންޓީރިއާ ލަމްބާ އިންޓަބޮޑީ ފިއުޝަން، ނުވަތަ ބަނޑުން ތަންކޮޅެއް ކަފާލައިގެން ކުރާ މައިކަށީގެ ބަދައެއްގެ އޮޕަރޭޝަނެއް އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް ކޮށް، ކާމިޔާބުކޮށްފި އެވެ. މި ބާވަތުގެ އޮޕަރޭޝަނެއް މީގެ ކުރިން ރާއްޖޭގައި ކޮށްފައިނުވެ އެވެ.

މައި ކަށީގެ ޑިސްކެއް ހަލާކުވެފައިވާ ބަލިމީހަކަށް ފަރުވާކުރުމަށް މިދިޔަ އަންގާރަ ދުވަހު ކުރި މި އޮޕަރޭޝަންގައި އިސްކޮށް ހުންނެވީ ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޑރ. ޔޫސުފް ޝާނެވެ. އޭނާއާއެކު ދެން މަސައްކަތް ކުރެއްވީ ނޭޕާލްގެ ޑޮކްޓަރެކެވެ.

ކާމިޔާބުކަމާއެކު ނިންމާލި މި އޮޕަރޭޝަނާ ގުޅޭގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ޑރ. ޝާން ވިދާޅުވީ، މި ފަދަ އޮޕަރޭޝަނެއް ކުރުމަށްޓަކައި މިދިޔަ އަހަރުގެ ފަހުކޮޅު ތަމްރީންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރުމަށް ބޭނުންވާ ތަކެތި ބަދައިގެ ތެރެއަށް ލައްވާ އިމްޕްލާންޓްތައް ހޮސްޕިޓަލުގައި ނެތުމުން އެތަކެތިވެސް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ.

ޝާން ވިދާޅުވި ގޮތުގައި ސާޖަރީކުރި ބަލި މީހާ މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

"މި އޮޕަރޭޝަން ކުރި ޕޭޝަންޓަކީ ކުރިން އެހެން އޮޕަރޭޝަނެއް ވެސް ކޮށްފައި ހުރި މީހެއް. އެހެންވެ މިގޮތަށް އޮޕަރޭޓް ކުރަން ޖެހުނީ. އެހެންނަމަވެސް އިރާދަކުރެއްވީތީ އެއްވެސް ދަތިކަމެއްނެތި އޮޕަރޭޝަން ވަނީ ކާމިޔާބުވެފައި،" ޝާން ވިދާޅުވި އެވެ.

ކުރިމަތި ފަރާތުން ތަންކޮޅެއް ކަފާލައިގެން މައިކައްޓާ ހަމައަށް ވާސިލުވެ ކުރާ މި އޮޕަރޭޝަނަނީ ހަމައެކަނި ހަލާކުވެފައި ހުންނަ ޑިސްކު ރަނގަޅުކުރަން ކުރާ އޮޕަރޭޝަނެއް ނޫނެވެ.

މައި ކަށީގެ ބައެއް ކަހަލަ އޮޕަރޭޝަން މިހާޜުވެސް ރާއްޖޭގައި ކުރެ އެވެ. ނަމަވެސް މިބާވަތުގެ ސާޖަރީއެއް ހަދަންޖެހިއްޖެނަމަ މީގެ ކުރިން ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ.