ހަބަރު

ޖަރާސީމް ހުރި ތަރުކާރީ އެތެރެވެފައި ވާތީ ސަމާލުވާން އަންގައިފި

ޖަރާސީމް އަޅާފައިވާ ގަނޑުކުރި ތަރުކާރީ ޔޫރަޕުން ރާއްޖެއަށް އެތެރެވެފައިވާތީ މިދުވަސްކޮޅު އެފަދަ ތަރުކާރީ ވިއްކުމާއި ގަތުމުގައި ސަމާލުވާން މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

ރާއްޖެއަށް އެތެރެވެފައިވާ ޖަރާސީމް އެޅި ތަރުކާރީގެ އުފެއްދުންތަކާއި އެތަކެތީގެ ބްރޭންޑް ނަމާއި އެނޫންވެސް މުހިއްމު މައުލޫމާތު ހިމެނޭ ލިސްޓަކާއެކު އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ޔޫރަޕުން ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފޫޑް ސޭފްޓީ ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މައްސަލަ ހުރި ޕެކޭޖްތައް ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ރާއްޖެއަށް އެތެރެވެފައިވާ ޖަރާސީމް އެޅި ތަރުކާރީގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ގަނޑުކުރި ތަރުކާރީ ހިމެނެ އެވެ. މިތަކެތީގެ ބްރޭންޑް ނަމާއި އެނޫންވެސް މައުލޫމާތު އެމްއެފްޑީއޭއިން މިހާރު ވަނީ އާންމުކޮށްފަ އެވެ. ލިސްޓުގައި ނަން ހިމެނޭ ބާވަތެއް ވިއްކަން ހުރިކަން އެނގިއްޖެނަމަ ލަސްނުކޮށް އެ އޮތޯރިޓީއަށް އެންގުމަށްވެސް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.