ދިވެހި ސިނަމާ

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެންމެ ގިނަ އެވޯޑުތައް އެމްޑަބްލިއުއެސްސީއަށް

ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށް ބާއްވަމުން އަންނަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ މި އަހަރުގެ މުބާރާތުން ރަން ވަނަތައް ހޯދި ފަންނާނުން އެވޯޑު ދީފި އެވެ. ފަންނާނުންނަށް އެވޯޑު ދިނީ މިރޭ އޮލިމްޕަހުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

މި އަހަރުގެ މުބާރާތުގައި އެންމެ ގިނަ އެވޯޑުތައް ކާމިޔާބުކުރީ މޯލްޑިވްސް ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑްރާމާ "ދަތުރު" އެވެ. އެ ޑްރާމާއަށް ވަނީ އެންމެ މޮޅު ޑްރާމާގެ އެވޯޑުގެ އިތުރުން އެންމެ މޮޅު ސްކްރީންޕްލޭ، ސިނެމަޓޯގުރާފީ، އެޑިޓިން އަދި ޑައިރެކްޝަންގެ އެވޯޑު ލިބިފަ އެވެ. މި ޑްރާމާއިން އަހްމަދު ޔުނާންއަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފަ އެވެ.

ކުރިން 12 ކެޓަގަރީއަކުން އެވޯޑު ދެމުން އައި ނަމަވެސް މި އަހަރު ވަނީ އިތުރު ދެ ކެޓަގަރީއެއް ތައާރަފުކޮށް އެވޯޑުދީފަ އެވެ. އެ ދެ ކެޓަގަރީއަކީ އެންމެ މޮޅު ނިއުކަމާ އަންހެން އަދި ފިރިހެން އެކްޓަރެވެ.

މިރޭގެ ހަފްލާގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މުބާރާތް ވަރަށް ކާމިޔާބުކަމަށާއި އަންނަ އަހަރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ އޮފީސްތަކަށްވެސް ދޭނެ ކަމަށެވެ. މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ފަރާތްތައް ތަމްރީނުކުރުމަށް ހާއްސަ ވޯކްޝޮޕެއްވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ މުބާރާތުގައި ސަރުކާރުގެ ހަތް އޮފީހަކުން ބައިވެރިވި އެވެ. އެއީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މާލޭ ވޯޓަ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ.

އެވޯޑު ކާމިޔާބުކުރި ފަރާތްތައް

  • އެންމެ މޮޅު ޑްރާމާ - ދަތުރު (އެމްޑަބްލިއުއެސްސީ)
  • އެންމެ މޮޅު ޑްރާމާ (ވިއުއާސް ޗޮއިސް) - ކަނި (ވެމްކޯ)
  • އެންމެ މޮޅު އެކްޓަރު - އަހްމަދު ޔުނާން (ދަތުރު / އެމްޑަބްލިއުއެސްސީ)
  • އެންމެ މޮޅު އެކްޓްރެސް - އައިމިނަތު ޖުލީސާ (ބަދަލު / ފެނަކަ)
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރު - އަބްދުލްﷲ މާހިރު (އިހާނަތް / އެމްއޭސީއެލް)
  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް - އައިމިނަތު ރައުލާ - (ބަދަލު / ފެނަކަ)
  • އެންމެ މޮޅު ނިއުކަމާ އެކްޓަރު - ސިމާހު އަހްމަދު (އިހާނަތް / އެމްއޭސީއެލް)
  • އެންމެ މޮޅު ނިއުކަމާ އެކްޓްރެސް - ފާތިމަތު އިހްސާނާ (ތަހުލީލު / އެމްސީއެސް)
  • އެންމެ މޮޅު ޑައިރެކްޓަރު - ޝާމިން ނިޒާމް (ދަތުރު / އެމްޑަބްލިއުއެސްސީ)
  • އެންމެ މޮޅު ސްކްރީންޕްލޭ - ޝާމިން ނިޒާމް (ދަތުރު / އެމްޑަބްލިއުއެސްސީ)
  • އެންމެ މޮޅު ސިނަމަޓޯގުރާފަރު - ޝާމިން ނިޒާމް (ދަތުރު / އެމްޑަބްލިއުއެސްސީ)
  • އެންމެ މޮޅު އެޑިޓަރު - ޝާމިން ނިޒާމް (ދަތުރު / އެމްޑަބްލިއުއެސްސީ)

ދިވެހި ސަނާމަގެ މަޝްހޫރު ބައެއް ފަންނާނުންވެސް ވަނީ މިރޭގެ ހަފްލާގައި ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ނިއުމާ މުހައްމަދު، ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ހަސަން މަނިކު ހިމެނެ އެވެ. މި ހަފްލާ ހުށަހަޅާދިނީ މަޝްހޫރު ޕްރެޒެންޓަރުން ކަމަށްވާ އިބްރާހިމް ޒިޔާއު އާއި މިޒްނާ އަހްމަދު އެވެ.

މި ހަފްލާގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ހާއްސަ ހަރަކާތްތަކެއްވެސް ފެނިގެންދިޔަ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) ގެ ހުށަހެޅުމެއްވެސް ފެނިގެންދިޔަ އެވެ.