ހަބަރު

ކޮންމެ ގޭބިސީއަކަށް ޕެކެޓެއްގެ މަގުން ސައުދީއިން ދިން ކަދުރު ބަހަން ފަށައިފި

Jul 17, 2018
8

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު އިސްލާމިކް މިނިސްޓްރީ އިން މިއަދު ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ އިން ހަދިޔާ ކުރި ކަދުރު އިއްޔެގެ ވަގުތެއްގައި ލިބިފައިވާ ކަމަށާއި މިއަދުން ފެށިގެން އެ ކަދުރުތައް ހުސްވަންދެއް ބަހަން ފަށާނެ ކަމަށެވެ. އެގޮތުން މާލެ އައްޑޫ އަދި ފުވަމުލަކު ސިޓީ އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަމަށާއި ގޭބިސީގެ ސައްހަކަން އަންގާދޭ ލިޔުމެއް ގެނައުމުން ކަދުރު ހަވާލު ކުރާނެ ކަމަށެވެ. -- ގޭބިސީގެ ސައްހަކަން އަނގާދޭ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގައި ދެ ފަރާތުންވެފައިވާ އެއްބަސްވުން ނުވަތަ ނިސްބަތްވާ އިމާރާތުގެ ގޯތި ރެޖިސްޓްރީ އެވެ.

މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ހުކުރު ހޮނިހިރު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން އިރުއޮއްސި 6:00 އަކާ ދެމެދުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓްރީ އިން ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކަދުރު ލިބޭނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމަށެވެ. ރަށްރަށުން ކަދުރު ލިބޭނީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.