އެއް ބަޔަކު ބުނަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅެއް ނުވެ އެވެ. މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއަށްވުރެ ގޯސް ކަމަށް ބުނާ ބަޔަކުވެސް އުޅެ އެވެ. އެއާ ދެކޮޅު މީހުންގެ ނަޒަރުގައި ރާއްޖޭގެ އިގްތިސާދު ވަނީ ރަނގަޅު ވެފަ އެވެ. މި ބުނުން ތާއަބަދު ތަކުރާރު ކުރައްވާ އެއް ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީންނެވެ. އަދި މި ސަރުކާރުގެ އިސްވެރިންނެވެ. ސުވާލަކީ އިގްތިސާދު ރަނގަޅު ހެއްޔެވެ. އިގްތިސާދު ރަނގަޅުވިކަމުގެ ހެކި ތަކަކީ ކޮބައި ހެއްޔެވެ؟
"ޑޮލަރު މިހާރު އޮތީ ސްޓޭބަލްކޮށް، ކުރިން ބްލެކް މާކެޓުގައި 18ރ. ނޫނީ 19ރ. ގައި ހުރި އެއްޗެއް މިއީ. މިހާރު ހުރީ ދަށްކޮށް. މީގެން އެނގެނީ ރަނގަޅުވުން، މި އިން މި ދައްކުވައި ދެނީ އިކޮނޮމިކް ސްޓެބިލިޓީ. މީގެން އެނގެނީ ރަނގަޅު ޕޮލިސީސް ތަކެއް އިމްޕްލިމެންޓް ކުރެވިއްޖެ އޭ،" ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފު ވިދާޅުވި އެވެ.
އިގްތިސާދެއް ރަނގަޅު ވެއްޖެކަމުގެ ހަމައެކަނި އަލާމާތަކީ ޑޮލަރުގެ ރޭޓް ދަށްވުން އެކަންޏެއް ވެސް ނޫނެވެ. މީގައި ގިނަ ބައިތަކެއް ހިމެނެ އެވެ. ސަރުކާރުން ވެރިކަމަށް އައުމާއެކު ވެފައިވާ އެއް ވައުދަކީ ރާއްޖޭގެ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ މިންވަރު ނުވަތަ ޖީޑީޕީ އޭރުކުރި 6500 އެމެރިކާ ޑޮލަރުން 12،000 ޑޮަލަރަށް އިތުރު ކުރުމެވެ. އަދި މިދިޔަ އަހަރު ސަރުކާރުން ވަނީ ޖީޑީޕީ 10،000 ޑޮލަރަށް އަރާފައިވާ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އަދި ވޯލްޑް ބޭންކުން ވެސް މިދިޔަ އަހަރު ވަނީ ރާއްޖޭގެ ޖީޑީޕީ 10,535.8 ޑޮލަރަށް އަރާފައިވާ ކަމަށް ބުނެފަ އެވެ. މިއީ މި ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާއިރު ވެސް ބޮޑު ކުރިއެރުމެކެވެ. އިގްތިސާދެއް ކުރިއެރުމުގައި މިންކުރާ މައިގަނޑު އެއް ތިލަފަތަކީ މި އެވެ.
ޑޮލަރު މިހާރު ހުރީ ސްޓޭބަލްކޮށް، ކުރިން ބްލެކް މާކެޓުގައި 18ރ. ނޫނީ 19ރ. ގައި ހުރީ. މިހާރު ހުރީ ދަށްކޮށް. މި އިން މި ދައްކުވައި ދެނީ އިކޮނޮމިކް ސްޓެބިލިޓީ.އިސްމާއިލް އާސިފު| ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް
މީގެ އިތުރުން އިގްތިސާދެއްގެ ކުރިއެރުން މިން ކުރުމަށް ބަލާ އެއް މިންގަނޑަކީ، އިގްތިސާދީ ހަމަތައް ވަޒަން ކުރަން ބައިނަލްއަގުވާމީ ފެންވަރުގައި ބަލާ ބެލުން ތަކެވެ. ނުވަތަ ރޭޓް ކުރާ ރޭޓިން އެވެ. މީގެ ދެ އަހަރު ކުރިން ވަނީ ރާއްޖެ ކްރެޑިޓް ރޭޓް ކުރަން ފަށާފަ އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް ފުރަތަމަ ފަހަރަށް ރާއްޖެ އަށް ކްރެޑިޓް ރޭޓިން އެއް ހެދީ 2016 ވަނަ އަހަރު އެވެ. ފުރަތަމަ ކްރެޑިޓް ރޭޓިން ހަދާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިންނެވެ. އޭގެ ފަހުން ދެން ރާއްޖެއާ ބެހޭ ގޮތުން ރޭޓިން ހެދީ ހޮންކޮންގެ "ފިޗް" އިންނެވެ. އެ ކުންފުނިން ދިނީ "ބީ-ޕްލަސް" އެވެ. އަދި ޖެހިޖެހިގެން ދެ އެޖެންސީ އިން ވެސް މި ވަނީ ރާއްޖޭގެ ރޭޓިން އެވަރުގައި ދަމަހައްޓާފަ އެވެ.
ކްރެޑިޓް ރޭޓިން ދިނުމުގައި ބަލަނީ
- ސިޔާސީ މާހައުލުގެ ހަމަޖެހުން
- ދައުލަތުގެ މާލީ އަދި ދަރަނީގެ ސިޔާސަތު
- އިޤްތިސާދީ ދުޅަހެޔޮކަން
- ދައުލަތުގެ އިދާރީ ނިޒާމުގެ ހަރުދަނާކަން
ރޭޓިންގެ ނަތީޖާ ފެނޭތަ؟
ރާއްޖޭގެ ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރު ހެދި ނަމަވެސް، މިކަން ކުރުމަށް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން 2004 ވަނަ އަހަރު ވެސް ގޮވާލާފައިވެ އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ މި "ރިސްކް" ނަގަން ނުކެރުނީ އެވެ.
ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އާސިފު ވިދާޅުވީ ކްރެޑިޓް ރޭޓިން ހަދަން އެ ޖަމިއްޔާ އިން ތަކުރާރުކޮށް ސަރުކާރުތަކުގައި ކުރިން އެދިފައިވާނެ ކަމަށެވެ.
"ކްރެޑިޓް ރޭޓިން ނުހެދީމަ ނޭނގެ ގައުމު ފައިނޭންޝަލީ އޮތް ހާލަތެއް. ކިހާވަރެއްގެ ދަރަންޏެއް މި މީހުންނަށް ނެގިދާނެ ތޯ؟ ކިހާ ވަރެއްގެ ދަރަންޏެއް ދިނީމަ ދެއްކިދާނެ ތޯ؟ މިއީ ފޮރިން އިންވެސްޓްމަންޓް އިތުރުވަނީ މި ރޭޓިން އޮތް ވަރުން،" އާސިފު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވާ ގޮތުގައި ތިން އަހަރު ތެރޭގައި އެންމެ ގިނަ ފޮރިން އިންވެސްޓްމަންޓް މި ސަރަހައްދުން ލިބިފައިވާ ގައުމަކީ ރާއްޖެ އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަކީ ބޭރުގެ ރައްކާތެރިކަން ކަށަވަރުކޮށްދިން އަދި އިންވެސްޓަރުން ރާއްޖެއަށް އައުމަށް އެންމެ ބޮޑަށް ހިތްވަރު ލިބިގެން ދިޔަ ސަބަބެކެވެ.
ކޮންމެއަކަސް އިގްތިސާދު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފި އެވެ. އަދި ބައެއް ދިމަދިމާލުން މީގެ ހެޔޮ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. ނަމަވެސް މިކަމުގެ އެންމެ ހެޔޮ ނަތީޖާ ފެންނަން އަންނަނީ ގައުމު ހަމަޖެހުން އައިސްގެންނެވެ. އެހެން ނޫންނަމަ ރޭޓިން އެޖެންސީތަކުގެ ރޭޓިން ގެއްލި، އަނެއްކާވެސް ކުރިން އޮތް ހާލަތަށް އިގްތިސާދު ގެއްލުމުގެ ބިރު އޮންނާނެ އެވެ.