ދުނިޔެ

ފާޑުކިޔުން ބޮޑުވެ ރަޝިޔާ ދިފާއުކުރެއްވި ވާހަކަ ޓްރަމްޕް އަނބުރާ ގެންދަވައިފި

Jul 18, 2018
1

ވޮޝިންގްޓަން (ޖުލައި 17) - އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރު ވިކަމަށް ކުރެވޭ ތުހުމަތައް ރައީސް ޑޮނަލްޑު ޓްރަމްޕް ދިފާއު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް ފާޑުކިޔުން ބޮޑުވެ، އެންމެ ފަހުން އެ ވާހަކަ އަނބުރާ ގެންދަވައިފި އެވެ.

ފިންލަންޑުގެ ވެރިރަށް ހެލްސިންކީގައި ރަޝިޔާގެ ރައީސް ވުލަޑީމީރު ޕުޓިން އާއެކު ޓްރަމްޕް ބައްދަލު ކުރެއްވުމަށްފަހު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ބޭއްވުނު އިންތިހާބަށް ރަޝިޔާ އިން ނުފޫޒުފޯރުވާނެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދެ ރައީސުންގެ ތާރީހީ ބައްދަލުވުން ބޭއްވެފައިވަނީ 2016 ވަނަ އެމެރިކާގެ ރިޔާސީ އިންތިހާބު ހެކު ކުރިކަމުގެ ތުހުމަތުގައި އެމެރިކާއިން 12 ރަޝިޔާ ރައްޔިތުންނަށް ހުކުމްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެ އިންތިހާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ނަމަވެސް، އެ ބައްދަލު ވުމަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލު ވުމެއްގައި، އެ ތުހުމަތުތަކާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ޓްރަމްޕް ވަނީ ޕުޓިންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ.

"ރައީސް ޕުޓިން އެ ވިދާޅުވަނީ ރަޝިޔާ އެއް ނޫން ކަމަށް. އެހެން ވީމަ އަޅުގަނޑަކަށް ވެސް ނުފެނޭ އެނޫން ގޮތަކަށް އެކަން ވާންޖެހޭނެ ސަބަބެއް،" އަމިއްލަ ގައުމުގެ އިންޓެލިޖެންސް ރިޕޯޓުތަކަށް ވުރެ ޕުޓިން ވިދާޅުވާ ވާހަކަ ގަބޫލު ކުރައްވަނީތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޖަވާބުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެ ވާހަކަފުޅާއި ގުޅިގެން ޓްރަމްޕުގެ އަމިއްލަ ރިޕަބްލިކަން ޕާޓީ އާއި އިދިކޮޅު ޑިމޮކްރެޓުންގެ ފާޑުކިޔުން އިންތިހާއަށް ބޮޑުވުމުން، އެއީ އޮޅިގެން ބުނެވުނު ވާހަކަފުޅެއް ކަމަށް އިއްޔެ ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

"ބުނެވުނީ އެގޮތަށް އެކަން ވާންޖެހޭނެ ސަބަބެއް ނެތޭ. އެކަމަކު ފަހުން އަޅުގަނޑު ދެއްކި ވާހަކަ ބެލުމުން އަޅުގަނޑަށް އެނގުނީ އަސްލު ބުނަންވީ އެގޮތަށް އެކަން ވާންނުޖެހޭނެ ސަބަބެއް ނެތް ކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމެރިކާގެ އިންޓަލިޖަންސަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރުއޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"ރަޝިޔާ އިން 2016 ވަނަ ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވިކަމަށް ބުނާ އިންޓަލިޖަންސް ރިޕޯޓުތަކަށް ފުރިހަމަ އިތުބާރު އެބަ އޮތް. އެކަމަކު އެހެން ބައެއްގެ އަތެއްވެސް އެކަމުގައި ވެދާނެ. އެފަދަ ކަމެއް ކުރަން ބޭނުންވާނެ ބައިވަރު މީހުން އުޅޭނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ނުފޫޒުފޯރުވުމުގެ ސަބަބުން އިންތިހާބުގެ ނަތީޖާ އަށް އެއްވެސް އަސަރެއްކޮށްފައިނުވާކަމަށް ޓްރަމްޕް ވަނީ އަނެއްކާވެސް ތަކުރާރުކުރައްވާފަ އެވެ.