ދުނިޔެ

"ހިޖުރަ ކުރުމަކީ ލިބޭ ހިތްވަރެއް"، ފްރާންސް ޓީމުގެ މިސާލު އޮބާމާ ނަންގަވައިފި

Jul 18, 2018

ޖޮހޭނަސްބާގު (ޖުލައި 17) - ހިޖުރަ ކުރާ މީހުންނަކީ ގައުމަކަށް ލިބޭ ދެރައެއް ނޫން ކަމަށާއި އިތުރު ހިތްވަރެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އުފަންވެ ވަޑައިގަތްތާ އެއް ގަރުނު ފާހަގަ ކުރުމަށް، ވެރިރަށް ޖޮހޭނަސްބާގުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގައި އެންމެ ބޮޑަށް ބަހުސްކުރެވޭ ހިޖުރަ ކުރުމުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން، އޮބާމާ ވަނީ ނިމިގެންދިޔަ ފުޓުބޯޅަ ވޯލްޑް ކަޕް ކާމިޔާބު ކުރި ފްރާންސް ޓީމުގެ މިސާލު ނަންގަވާފަ އެވެ.

އެކި ގައުމުތަކުން ހިޖުރަ ކުރާ މީހުންގެ ހަކަތާއި ހުނަރުތައް އެ ގައުމަކަށް ފައިދާއާއި ރީތި ނަން ހޯދައިދެވިދާނެ ކަން ފްރާންސް ޓީމުން ސާބިތު ކޮށްދީފައިވާ ކަން، އޮބާމާ ފާހަގަ ކުރެއްވި އެވެ.

"މިއަހަރުގެ ވާލްޑް ކަޕް ހޯދައިދިން ފްރާންސް ޓީމަށް ބައްލަވާ. އެ ހުރިހާ ކުޅުންތެރިންނަކީ ގޯލްސް [އެންމެ ފުރަތަމަ ފްރާންސަށް ވަޒަންވެރިވި މީހުން] ކަމަށް އަޅުގަނޑަކަށް ނުފެނުން. ނަމަވެސް އެ އެންމެންނަކީ ފްރާންސް މީހުން. ފުރިހަމަ ފްރާންސް ރައްޔިތުން،" ފަނަރަ ހާހަށް ވުރެ ގިނަ މީހުން ބައިވެރިވި އެ ހަފްލާގައި އޮބާމާ ވިދާޅުވި އެވެ.

މިފަހަރުގެ ވާލްޑް ކަޕް ތަށި އުފުލާލި ފްރާންސްގެ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންނަކީ އެފްރިކާ އާއި ޔޫރަޕުގެ އެހެން ގައުމުތަކުން ފްރާންސަށް ހިޖުރަކޮށްފައިވާ އާއިލާތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. މިގޮތުން، ފްރާންސް ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިންނަށް އެފްރިކާގެ އެކި ގައުމުތަކަށް ކުޅުމުގެ ފުރުސަތު އޮތެވެ.

އެމެރިކާގެ ރައީސް ކަމަށް 2016 ވަނަ އަހަރު ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕަށް ވެސް އޮބާމާ ވަނީ ނުސީދާގޮތަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕްގެ ކުރިން ރައީސް ކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވި އޮބާމާ ވަނީ ކޮންމެ ވެރިއަކު ވެސް ފެންނަން ހުންނަ ހަގީގަތްތައް ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ކަމަކަށް އެއްބަސްވެވޭނީ ހަގީގަތް ގަބޫލު ކުރާނަމަ. އަޅުގަނޑު މިއީ ޕޯޑިއަމް އޭކޭ ބުނީމަ، ދެ ހުންނަ މީހާ ތިއީ އެތެކޭ ބުނީމަ ދެން ކިހިނެއްތޯ އިތުރު ވާހަކަ އެއް ދެއްކޭނީ،" މޫސުމަށް އަންނަ ބަދަލުތައް ގަބޫލުނުކުރައްވާކަމަށް ޓްރަމްޕް ވިދާޅުވަމުން ގެންދެވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވަމުން އޮބާމާ ވިދާޅުވި އެވެ.

އުމުރުފުޅުން 95 އަހަރުގައި 2013 ވަނަ އަހަރު އަވަހާރަވި މަންޑޭލާއަށް ވަނީ އޮބާމާ ތައުރީފުކުރައްވާފަ އެވެ. ނަސްލީ ތަފާތުކުރުންތައް ނައްތާލައި، ދުނިޔޭގައި ހަމަހަމަކަން ގާއިމު ކުރުމަށް މަންޑޭލާ ދެއްކެވި މިސާލުން، އަދުގެ ޖީލު ހިތްވަރު ހޯދަންޖެހޭ ކަމުގައި ވެސް އޮބާމާ ވިދާޅުވި އެވެ.