ދުނިޔެ

ފޭކު ވީޑިއޯއާ ގުޅިގެން މީހުން މެރުން ހުއްޓުވާނެ ގާނޫނެއް ހަދަން އިންޑިއާ ސުޕްރީމު ކޯޓުން އަންގައިފި

Jul 18, 2018

ނިއުދިއްލީ (ޖުލައި 17) - ކުޑަކުދިން ރަހީނު ކުރާ މަންޒަރު ފެންނަ ވީޑިއޯ އަކާއި ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި އާންމުން ނުކުމެ އެތަކެއް ބަޔަކު މަރާލާފައިވުމާއި ގުޅިގެން އެކަން ކުށްވެރިކޮށް، އެކަމަށް ހަރުކަށި އަދަބު ދެވޭނެ ގާނޫނެއް އެކުލަވާލުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ވަޓްސް އެޕް އިން ދައުރުވާ މި ވީޑިއޯ އާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި މިހާތަނަށް 24 މީހަކު ވަނީ މަރާލާފަ އެވެ. ނަމަވެސް އެ ވީޑިއޯއަކީ ކުޑަކުދިންގެ ސަލާމަތަށް ހޭލުންތެރި ކުރުމުގެ ގޮތުން ޕާކިސްތާނުގައި ހަދާފައިވާ ވީޑީއޯ އެއް ކަމަށްވެ އެވެ. އިންޑިއާގައި ދައުރު ކުރަނީ އެ ވީޑިއޯ އެޑިޓްކޮށްގެން، ކުޑަކުދިން ރަހީނު ކުރާ ބަޔަކަށް ސަމާލުވާންޖެހޭ ކަމަށް ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ އެންމެ މަތީ ކޯޓުން ވަނީ މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ގާނޫނެއް އެކުލަވާލުމަށް ގާނޫނު ހަދާ މަޖިލީހަށް ގޮވާލާފަ އެވެ.

މިދިޔަ ހަފްތާގައި ކަރުނާޓަކާގައި ސޮފްޓްވެއާ އިންޖިއަނަރަކު މަރާލާފައިވާއިރު، މިދިޔަ ޖޫން މަހު ވެސް، މަގު އޮޅިގެން އަވަށެއްގައި މަޑުކޮށްލި ދެ ޒުވާނަކު ވެސް ވަނީ އައްސާމް ސްޓޭޓުގައި މަރާލާފަ އެވެ. ކަމާބެހޭ ފަރާތްތަކާއި ގުޅިގެން، ފުލުހުން މިހާރު ވަނީ އެ ވީޑިއޯ އަކީ ފޭކު އެއްޗެއްކަމަށް އާންމުންނަށް ބުނެދޭން އެކި ކެމްޕޭނުތައް ވެސް ފަށާފަ އެވެ.