ހަބަރު

ކައްދޫ އެއާޕޯޓްގައި ވޯޓު ފޮށި ބަހައްޓާތީ ކަންބޮޑުވެއްޖެ

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ލ. ކައްދޫ އެއާޕޯޓްގައި ވޯޓު ފޮއްޓެއް ބަހައްޓަން ނިންމާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރިޔާސީ އިންތިހާބެއްގައި ކައްދޫގައި މީގެކުރިން ވޯޓު ފޮށި ނުބަހައްޓަ އެވެ. އެތަނުގެ މުވައްޒަފުން ވޯޓު ލަނީ ޖެހިގެން އޮންނަ ފޮނަދޫގެ ވޯޓު ފޮއްޓަށެވެ. އެ އެއާޕޯޓްގައި މަސައްކަތް ކުރަނީ ގާތްގަނޑަކަށް 150 އެއްހާ މުވައްޒަފުންނެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އަވަސްއާ ވާހަކަ ދެއްކި އެއާޕޯޓްގެ މުވައްޒަފަކު ބުނީ، އެހާ މަދު މުވައްޒަފުން އުޅޭއިރު އެ ތަނުގައި ވޯޓު ފޮށި ބެހެއްޓުމަކީ ވަޒީފާގެ ބިރު ދެއްކޭނެ ކަމެއް ކަމަށެވެ. ވަޒީފާގެ ބިރަށް ވަކި ކޮޅަކަށް ވޯޓު ދޭން މަޖުބޫރުވާނެ ކަމެއް ކަމަށެވެ.

ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމަކީ އެ ސަރަހައްދުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށް އެ މުވައްޒަފު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ފޮނަދޫގެ އެންމެ ދުރުގައި ހުންނަ އަވަށަށް ވެސް ކައްދޫއިން ސައިކަލެއްގައި ފަސް މިނެޓުން ދެވެ އެވެ. އެހެންވީއިރު އެއާޕޯޓް މުވައްޒަފުންނަށް ފުނަދޫގެ ވޯޓު ފޮއްޓަކަށް ވޯޓުލުން އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް މުވައްޒަފުންނަށް ހާއްސަކޮށްގެން އެއާޕޯޓްގައި ފޮއްޓެއް ބެހެއްޓުމުން މުވައްޒަފުން ހިތްހަމަނުޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

އަސްކަރީ އެއާޕޯޓެއްގެ ގޮތުގައި ހިންގާ ކައްދޫ އެއާޕޯޓްގައި ފުރަތަމަ ފަހަރަށް ވޯޓު ފޮށި ބަހައްޓާއިރު ގިނަ ދިވެހި މުވައްޒަފުން އުޅޭ ރިސޯޓްތަކުގައި ވެސް މިފަހަރު ވޯޓު ފޮށި ނުބަހައްޓަ އެވެ. ފޮށި ބަހައްޓަނީ އެންމެ ހަތް ރިސޯޓްގަ އެވެ. އެވެސް އެ ހަތް ރިސޯޓުން ވެސް 250 މީހުން ރީ ރަޖިސްޓާކޮށްފިނަމަ އެވެ.

ކައްދޫގެ އިތުރުން ހުޅުލެ އަދި އައްޑޫ ސިޓީ، ގަމުގައި މިފަހަރު ވެސް ވޯޓު ފޮށި ބަހައްޓަ އެވެ. އޭގެ އިތުރަށް ތިލަފުއްޓާއި ފެލިވަރުގައި ވެސް ވޯޓު ފޮށި ބަހައްޓަ އެވެ.