ހަބަރު

ރަށްރަށް ތަރައްގީ ވަނީ މަޖިލީސް މެންބަރުންގެ މަސައްކަތުންނެއް ނޫން: ރައީސް

އެކި ދާއިރާތަކަށާއި ރަށްރަށް ތަރައްގީ ގެންނަނީ ރައްޔިތުން މަޖިލީސް މެންބަރުންގެ މަސައްކަތަކުން ނޫން ކަމަށާއި އެއީ ރައީސް އާއި ސަރުކާރުން ނިންމަވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ސަރުކާރުން ހިންގި ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިއްދޫ އާއި އެމަނިކުފާނާ ދެމެދު އޮތް ފާލަމަކީ ދާއިރާގެ މެންބަރުކަމަށް ދެކިވަޑައި ނުގެންނެވުމަށާއި އެ ފާލަމަކީ ސަރުކާރާއި ދިއްދޫއާ އޮންނަ ގާތް ކަމާއި އިތުބާރާއި ރަށު ރައްޔިތުންނަށް ކުރާ އިހުތިރާމް ކަމަށެވެ. އަދި ސަރުކާރުގެ ފިކުރުގައި ދާއިރާގެ މެންބަރު ހުރުމަކީ ސަރުކާރަށް ފަސޭހަވެގެންދާ ކަމެއް ކަމަށާއި ނަމަވެސް ދާއިރާގެ މެންބަރަކީ ދިއްދޫއަށް ތަރައްގީ އަންނަން އޮތް ވަސީލަތް ކަމަށް ގަބޫލު ނުކުރެއްވުމަށް ރައީސް ވިދާޅުވި އެވެ.

"ދިއްދޫއަށް ތަރައްގީ އަންނަ ވަސީލަތަކީ ސަރުކާރުން ކަންކަން ކޮށްދޭން ބޭނުންވާތީ، އެއިރަކު ހުންނަ ރައީސްއަކު އެކަންކޮށްދޭން ބޭނުންވާތީ ކުރާ ކަންތައް، ރައްޔިތުންގެ މަޖިލީސް މެންބަރުންނަކީ މުހިންމު ބައެއް، އެކަމަކު މެންބަރުން ވަރުގަދަވެގެން ދަނީ ބަދަހިވެގެންދަނީ އެތަށް ބައެއް ގުޅިގެން އޭގެ އަގުލަބިއްޔަތު ނަގާދޭނެ ޕާޓީއެއް އޮވެގެން އެ ޕާޓީގެ ލީޑަރަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ހަކަތަ ހުރި އަދި ގާބިލުކަން ދައްކާ މީހަކަށް ވީމަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެ މިސާލެއް ގޮތުން ގދ. ތިނަދޫ ނަންގަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ރަށުގެ ބޭނުންވާ ގިނަ ކަންކަން އޮހެމުންދިޔަ ނަމަވެސް އެ ދާއިރާގެ ދެ މެންބަރުންނަކީ ވެސް ވަރަށް ކުރިން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދަވާފައި ތިބި މެންބަރުން ކަމަށެވެ. ނަމަވެސް ތިނަދޫ ރައްޔިތުންނާއި ސަރުކާރާ ގާތްކޮށްދިނީ އެ ދެ މެންބަރުންނެއް ނޫން ކަމަށާއި ތިނަދޫ ރައްޔިތުންނަށް ހާއްސަ ކަންކަންކޮށްދޭން ނިންމީ ވެސް އެ ދެ މެންބަރުން އެދިވަޑައިގަންނަވައިގެން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެރަށަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގެންދަވަން ނިންމެވީ އަމިއްލަފުޅަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ތިނަދޫއަށް ދިމާވެފައި އޮތް ހިތްދަތި ކަމާއި، އެ ރަށް ހުސް ކުރުމަށް ފަހު ދެވަނަ ފަހަރަށް އާބާދުވިތާ 50 އަހަރު ފުރެމުންދާތީ އަޅުގަނޑު ނިންމެވި ނިންމުމެއް އެއީ، އެހެން އެއްވެސް ބޭފުޅަކު ނިންމެވި ނިންމުމެއް ނޫން އެއީ، ތިނަދޫއަށް ދިމާވެފައި ހުރި ކަންކަމާއި ނޫނީ އެ މީހުންގެ ނަފްސާނިއްޔަތުގައި ޖެހިފައި ހުރި މައްސަލަތަކަށް ހައްލެއް ގެނެސްދެއްވުމަަށް އެ ރަށަކީ ހާއްސަ މަސައްކަތްތަކެއް ސަރުކާރުން 50 އަހަރާ ދިމާކޮށް ކޮށްދޭން ބޭނުންވާ ތަނެއް ކަމަށް ކަނޑައެޅީ އަޅުގަނޑު،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަޝްރޫއުތައް އެތަނަށް އައިމަ ތިނަދޫގެ އެއްވެސް މެންބަރަކަށް ނޫނީ އެހެން ބޭފުޅަކަށް ވިދާޅެއް ނުވެވޭނެ މިއީ ތިމަންނަ ކުރި ކަންކަމެކޭ
ރައީސް ޔާމީން

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކޮންމެ އަހަރަކު ބަޖެޓު ފޮނުވަނީ ސަރުކާރުން އިސްވެގެން ކަމަށާއި އޭގައި ތަރައްގީ ކުރާނެ ރަށްރަށާއި އެހެންކަންކަން ކަނޑައަޅާނީ ސަރުކާރުން ރައީސް އިސްވެ ހުންނަވައިގެން ކަމަށެވެ. އަދި މަޖިލީހުން ކޮންމެވެސް ވަރަކަށް އެއަށް ބަދަލު ގެނައި ނަމަވެސް އެކަން ކުރައްވަނީ ސަރުކާރަށް އޮންނަ ތާއީދަކާ އެކުގައި ކަމަށާއި މަޖިލީހަކީ ސަރުކާރު ހިންގާ ތަނެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ބާރުތައް ވަކިވެފައި އޮންނަ ނިޒާމެއް، ހިންގުމުގެ ބާރުގެ މައްސޫލިއްޔަތު އުފުލަނީ ރައްޔިތުން އިންތިހާބު ކުރާ ރައީސްއަކު، ހިންގުމުގެ ދާއިރާގެ އެންމެ ބޮޑު މައްސޫލިއްޔަތަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން، ބޭނުންވާ މިންވަރަށް ކޮށްދީ ކަނޑައެޅުން،" ރައީސް ވިދާޅުވި އެވެ.