ދުނިޔެ

ޖެނުއަރީން ފެށިގެން 17 މީހަކު ވެގެން 11 އަހަރު ކުއްޖެއް ރޭޕްކޮށްފި

Jul 18, 2018

ނިއުދިއްލީ (ޖުލައި 18) - އިންޑިއާގެ ޗެންނާއީގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން 17 މީހަކު ވެގެން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި، އެކި ދުވަސް މަތިން އެ ކުއްޖާ ރޭޕްކޮށްފައިވަނީ އޭނާ ދިރިއުޅޭ އިމާރާތުގައި މަސައްކަތްކުރާ 17 މީހަކު ކަމަށެވެ. ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން އެ 17 މީހުން ވެގެން އެ ކުއްޖާ ރޭޕްކޮށްފައިވާކަމަށް އެކުއްޖާގެ މައިންބަފައިން ގާތު ބުނުމާގުޅިގެން، އެ މީހުން މިހާރު ވަނީ ހައްޔަރުކުރެވިފަ އެވެ.

ރޭޕްގެ މައްސަލަ އިންޑިއާގައި ބޮޑުވެފައިވާ އިރު، މި މަހުވެސް އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ފާދިރީންތަކެއް ވަނީ ހައްޔަރުކުރެވިފަ އެވެ. މީގެ އިތުރުން، މިދިޔަ މެއި މަހު 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު މަރާލާފައިވާ އިރު، އަންހެނުން ހައްގުތަކަށް މަސައްކަތް ކުރާ އަންހެނުންތަކެއް ރޭޕްކޮށްގެން ހަ މީހަކު ހައްޔަރުކުރެވިފައިވަނީ ޖޫން މަހު އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ގްރޫޕަކުން ރޭޕްކޮށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި ޒުވާން އަންހެނާގެ ހާދިސާ އާގުޅިގެން ގާނޫނަށް އިސްލާހު ގެނެސް، ރޭޕްގެ ކުށުގައި މަރުގެ އަދަބު ލިބޭ ގޮތަށް ހަދައިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ރޭޕްގެ ބޮޑެތި ހާދިސާތައް ދަނީ ހިނގަމުންނެވެ.