ވޯޓު ފޮށި ބަހައްޓާ ރިސޯޓްތައް މަދުވުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ފާހަގަ ޖަހައިދޭ މައްސަލާގައި އިދިކޮޅު ޕާޓީތައް އިލެކްޝަން ކޮމިޝަނަށް ކަންބޮޑުވުން ހުށަހަޅައިފި އެވެ.
އެ ދެ މައްސަލާގައި ހުރި ކަންބޮޑުވުންތަކާއެކު އިލެކްޝަން ކޮމިޝަނަށް މިއަދު ވަޑައިގެންނެވި ޕާޓީތަކުގެ ވަފުދުގައި އިސްކޮށް ތިއްބެވީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދާލަތު ޕާޓީ އާއި ރައީސް މައުމޫންގެ ފަރާތުން ވެސް މަންދޫބުން ވަޑައިގަތެވެ.
އެ ބޭފުޅުން މިއަދު ވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާ ބައްދަލު ކުރައްވާފަ އެވެ. އަލީ ނިޔާޒު ވިދާޅުވީ، ވޯޓު ފޮށި ބަހައްޓާ ރިސޯޓްތައް މަދުވުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ފާހަގަ ޖަހައިދޭ މައްސަލާގައި ހުރި ކަންބޮޑުވުންތައް ޝަރީފާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
އަލ ނިޔާޒު ވިދާޅުވީ އެ ދެ ނިންމުމަކީ ވެސް ޝަރީފް ވިދާޅުވި ގޮތުގައި ކޮމިޝަންގެ މެންބަރުންގެ ނިންމުމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ރައީސްއަށް އެކަނި ނުނިންމޭނެ ކަމަށެވެ. އެހެންވެ، ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާފައި އެކަމާ މަޝްވަރާކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި ކަމަށެވެ. އެކަމަށް އެންމެ އަވަހަށް ބައްދަލުމެއް ބޭއްވޭނީ އަންނަ އަންގާރަ ދުވަހު ކަމަށް ޝަރީފް ވިދާޅުވި ކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ ތިން މެންބަރަކު މިހާރު ތިއްބެވީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއްގައި އަތޮޅުތަކުގެ ތެރޭގަ އެވެ.
އަލީ ނިޔާޒު ވިދާޅުވީ، އެ ނިންމުންތައް ބަދަލުކުރުމަށް ޕާޓީތަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާ ކަމަށާއި ޓޫރިޒަމް މިނިސްޓްރީ އާއި މަޓީއާ ވެސް ބައްދަލުކުރާނެ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، މީގެކުރިން އެފަދަ ނިންމުންތައް ކޮމިޝަނުން ނިންމަނީ ހުރިހާ ޕާޓީތަކުގެ މަންދޫބުން ތިއްބަވާ ގައުމީ ލަފާދޭ ކޮމެޓީގައި މަޝްވަރާކުރުމަށްފަހު ކަމަށާއި ނަމަވެސް މި ދެ ނިންމުން ނިންމުމުގައި ގައުމީ ލަފާދޭ ކޮމެޓީގެ އެއްވެސް ލަފައެއް އަހާފައިނުވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން އަމަލު ކުރަން ޖެހޭނީ ބައެއްގެ ހައްގުތައް ނުގެއްލޭ ގޮތަށް އެންމެންގެ މަސްލަހަތަށް ބަލައިގެން ކަމަށް ހުސެއިން ވިދާޅުވި އެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ ވަކި ގޮތަކަށް ވޯޓުގެ ނަތީޖާ ބައްޓަން ކުރަން އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. ހުސެއިން ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ކޮންމެ ގޮތަކަށް އަމަލު ކުރި ނަމަވެސް ޕާޓީތަކުން އިންތިހާބު ބޮއިކޮޓްނުކުރާނެ ކަމަށާއި ދަތިތަކާއި ހުރަސްތަކާއެކު ވެސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ އެންމެ ހަތް ރިސޯޓެއްގަ އެވެ. މީގެކުރިން 40 އަށްވުރެ ގިނަ ރިސޯޓްގައި ވޯޓު ފޮށި ބެހެއްޓި އެވެ. ހަތް ރިސޯޓްގައި ވެސް ވޯޓު ފޮށި ބަހައްޓަނީ 250 މީހުންނަށްވުރެ ގިނައިން ރީރަޖިސްޓްރީކޮށްފިނަމަ އެވެ. މީގެ ސަބަބުން ވޯޓުލާ މީހުންގެ 10 ޕަސެންޓް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލޭނެ ކަމަށް ދަނީ ބުނަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަމިއްލައަށް ވޯޓް ނުލެވޭ ވަރުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި ވޯޓް ލައިދޭނީ ވޯޓްލާ މަރުކަޒުގައި ވެރިޔާ ކަނޑައަޅާ އިލެކްޝަންސް ކޮމިޝަންގެ އޮފިސަލެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ މިހާރު ކަނޑައަޅާފަ އެވެ. މި ބަދަލު އިލެކްޝަން ކޮމިޝަނުން ގެނައީ ރިޔާސީ އިންތިހާބުގެ ގަވާއިދަށެވެ. ނަމަވެސް އެ އިސްލާހު އަދި ގެޒެޓެއް ނުކުރެ އެވެ.