ހަބަރު

ޖަރާސީމު ހުރި ތަރުކާރީގެ އިތުރު ބާވަތެއް ފެނިއްޖެ

ޖަރާސީމް ހުރި ތަރުކާރީގެ އިތުރު ބާވަތެއް ފެނިފައިވާތީ އެތަކެތި ނަގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

ޔޫރަޕުން ރާއްޖެއަށް ގެނައި ގަނޑުކުރި ތަރުކާރީ ޕެކެޓްތަކެއްގައި ޖަރާސީމް އަޅާފައިވާތީ މިދިޔަ ހޯމަދުވަހު ވެސް އެ އޮތޯރިޓީން ވަނީ އެލާޓެއް ނެރެފަ އެވެ. މިއަދު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޔޫރަޕުން ރާއްޖެއަށް އެތެރެކުރި އިތުރު ބްރޭންޑެއްގެ ތަރުކާރީ ޕެކްޓްތަކަކުން ވެސް ޖަރާސީމް ފެނިފައިވާ ކަމަށެވެ. މިފަހަރު ޖަރާސީމް ފެނިފައިވަނީ "ޕިންގުއިން" ބްރޭންޑްގެ ފްރޯޒެން ކޯން ގްރެއިން ތަރުކާރީ ޕެކެޓުންނެވެ.

އެމްއެންޑީއޭ އިން ވަނީ މި އުފެއްދުން ވިއްކުމާއި ގަތުމުގައި ސަމާލުވުމަށް އަންގާފަ އެވެ.

މިދިޔަ ހޯމަދުވަހު އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ޖަރާސީމް އަޅާފައިވާ ތަރުކާރީގެ ގޮތުގައި ފާހަގަކޮށްފައިވަނީ "ޑީއޭޓީ ޝައުބް" ބްރޭންޑްގެ ޒުވާރީގެ ބާވަތްތަކާއި ގަނޑުކުރި ތަރުކާރީ ބާވަތްތަކުންނެވެ. ތަރުކާރީ ޕެކެޓް ގަންނައިރު މި މައުލޫމާތުތަކަށް ސަމާލުވާން އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

މި އުފެއްދުންތަކުން ފެނިފައިވަނީ "ލިސްޓީރިއާ މޮނޯސައިޓޯޖެންސް" ކިޔާ ޖަރާސީމެކެވެ. މި ޖަރާސީމް ހަށިގަނޑަށް ވާސިލުވުމުން ބޮލުގައި ރިއްސުމާއި ހުޑުލެވުމާއި ވަރުބަލިވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.