ހަބަރު

ކެލާ ނަރުދަމާގެ ހިދުމަތް ފެށުން ފާހަގަކޮށްފި

ހއ ކެލާގައި ސަރުކާރުން ގާއިމްކުރި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފެށުން އެރަށުގައި މިއަދު ފާހަގަކޮށްފި އެވެ. ކެލާގެ ނަރުދަމާ ނިޒާމް އިފްތިތާހުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

ކެލާގެ ނަރުދަމާ ނިޒާމް ގާއިމުކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ 51.2 މިލިއަން ރުފިޔާ އަށެވެ. ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް 2015 ވަނަ އަހަރުގެ މާޗް މަހުގެ 30 ގައި ފަށާފައިވާ އިރު އެ މަސައްކަތް ނިންމާލާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

އެ މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމާއި އެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީއައިއޭ ގެ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން ރަށުގައި ހަތަރު ޕަމްޕް ސްޓޭޝަން ބަހައްޓައި 14.15 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމުކޮށްފައެވެ. އަދި ރަށުގެ 409 ގެއަށް ވަނީ މި ހިދުމަތް ދީފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 135 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. މި ނިޒާމު ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.