ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ހުންނަވާ ގޮޅިން ގަދަކަމުން ނެރެ، އަނިޔާކުރި ކަމަށް ބުނާތީ އެއީ ހަގީގަތް ނޫން ކަމަށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ވީޑިއޯ އާންމުކޮށް ހުޅުވާލާފައިވާ އަޑުއެހުމެއްގައި ދެއްކުމަށް ޕީޖީ އިން ދެކޮޅު ހަދައިފި އެވެ.
ފާރިސްއަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް ބުނެ އޭނާ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހުށަހެޅުމާ ގުޅިގެން ފާރިސްއަށް ޖަލުގައި އަނިޔާ ނުކުރާކަން ސާބިތުކުރުމަށް ދައުލަތުން ފާރިސް ހުންނެވި ގޮޅި އާއި ގޮޅި ހިމެނޭ ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތަކެއް ހުށަހެޅި އެވެ. އެ ވީޑިއޯތަކުން އެ ދުވަހު ފާރިސް ގޮޅިން ނުކުމެގެން ތަހުގީގު ކޮޓަރިއާ ހަމައަށް ދިޔައީ އަމިއްލަ އިހްތިޔާރުގަކަން ސާބިތުވާނެ ކަމަށް ދައުލަތުން ބުންޏެވެ.
އެ ވީޑިއޯ ފްޓޭޖްތައް ދައްކާ ހިސާބަށް މިއަދުގެ އަޑުއެހުން ދިޔަ ތަނުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒުނާ ވަނީ އަޑުއެހުން ސިއްރުކުރުމަށް އެދިފަ އެވެ. އަޑުއެހުން ސިއްރު ކުރުމަށް ދައުލަތުން އެދުނީ، ފަޒުނާ ވިދާޅުވި ގޮތުގައި ވީޑިއޯއިން ފެންނަނީ މީހުން ބަންދު ކޮށްފައި ތިބޭ ގޮޅިތަކާއި ގޮޅިތައް ހިމެނޭ ސަރަހައްދުތައް ކަމަށްވާތީ އެވެ. އެ ވީޑިއޯތައް އާންމުކޮށް ދައްކައިފިނަމަ ތަނުގެ ސަލާމަތަށް ބުރޫ އަރާފާނެ ކަމަށެވެ. މުޖްތަމައާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ހާލަތްތަކުގައި އަޑުއެހުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސިއްރު ކުރެވޭކަން ފަޒުނާ ފާހަގަކުރެއްވި އެވެ.
އެކަމާ ގުޅިގެން ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، އަޑުއެހުން ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ހުޅުވާލާފައިވާ އަޑުއެހުމެއްގައި ވީޑިއޯ ދެއްކިޔަސް ކުރިމަތިވާނެ ނުރައްކަލެއް ނެތް ކަމަށެވެ. ވީޑިއޯ ދައްކަން އަޑުއެހުން ސިއްރު ކުރާނަމަ، އެ ހުށަހެޅުން އަނބުރާ ގެންދަން ފާރިސް ބޭނުންވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް، ފާރިސް ހުށަހެޅުއްވި ކަންކަން ސާފުވާނީ އެ ވީޑިއޯ ބަލައިގެން ކަމަށް ވިދާޅުވުމުން ވެސް ޝަމީލް ވިދާޅުވީ، ސިއްރު ކުރާނަމަ ހުށަހެޅުން އަނބުރާ ގެންދާ ކަމަށެވެ. ފާރިސް ވެސް ވަނީ ކޮޅަށް ތެދުވެވަޑައިގަތް ހުށަހެޅުން އަނބުރާ ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
ފާރިސްއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ތަހުގީގު ރިޕޯޓެއް އެބަ އޮތްތޯ ގާޒީ ހައިލަމް ދައުލަތާ ސުވާލު ކުރެއްވި އެވެ. ފަޒުނާ ވިދާޅުވީ، ރިޕޯޓެއް އެބަ އޮތް ކަމަށާއި ފާރިސްގެ ގޮޅީގެ ލޮގްތަކުން ވެސް ކަން ހިނގި ގޮތް ސާފުވާ ކަމަށެވެ. ފާރިސްއަށް އަނިޔާ ލިބުނީ އޭނާގެ އަތަށެވެ. ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ވެސް ޖެހުނެވެ.
ދައުލަތުގެ ރިޕޯޓް ބެއްލެވުމަށްފަހު ގާޒީ ހައިލަމް ވިދާޅުވީ، ފާރިސް ގަދަކަމުން ގޮޅިން ނެރެ އަނިޔާކުރި ކަމަށް ރިޕޯޓްގައި ބުނެފައިނުވާ ކަމަށެވެ. ރިޕޯޓްގައި ބުނަނީ އެކަންކަން ނުހިނގާ ކަމަށް ކަމަށެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި ފާރިސްގެ ފަރާތުން ޖުމްލަ ހުށަހެޅީ 30 ހުށަހެޅުމެއް ހުށަހެޅި އެވެ. އޭގެ ތެރެއިން 28 ހުށަހެޅުމެއް ބަލައިނުގަތުމަށް އޮތީ ނިންމާފަ އެވެ. އަނިޔާކުރި ކަމަށް ބުނެ ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިޔުމުން ދެން ބާކީ ގޮތެއް ނުނިންމި އޮތީ އެއް ހުށަހެޅުމެވެ. އެއީ ފާރިސް ދިރިއުޅުއްވި މ. ސްނޯރޯސް ފާސް ކުރުމަށްފަހު ފުލުހުން ތައްޔާރުކުރި ކްރައިމް ސީން އޮފިސާގެ ރިޕޯޓް ބަލައިނުގަތުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ. އެކަމާ ގުޅޭ ގޮތުން މިއަދު ވަނީ ބަހުސްކޮށްފަ އެވެ.
ފާރިސްގެ ވަކީލް ޝަމީލް ވިދާޅުވީ، ފާރިސް ގެ ބަލާފާސްކުރި ވީޑިއޯކޮށްފައިނުވާ ކަމަށާއި އެއީ 2009 ގައި ހަދާފައިވާ ފުލުހުންގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ، އެސްއޯޕީއާ ހިލާފު ކަމެއް ކަމަށެވެ. ދައުލަތުގެ ވަކީލް ފަޒުނާ ރައްދު ދެއްވަމުން ވިދާޅުވީ، 2015 އަހަރުން ފެށިގެން ފުލުހުން އަމަލު ކުރާ ކޮލިޓީ މެނުއަލްގައިވާ ގޮތުން ފުލުހުންގެ މައްޗަށް ލާޒިމްވަނީ ކްރައިމް ސީންގެ ފޮޓޯ ނަގަން އެކަނި ކަމަށާއި ވީޑިއޯ ނެގުމަކީ އިހްތިޔާރެއް ކަމަށެވެ.
މެނުއަލް އޮތް ގޮތުން ކްރައިމް ސީން ވީޑިއޯ ކުރުމަކީ ލާޒިމް ކަމެއް ނޫންކަން ގާޒީ ހައިލަމް ވެސް ފާހަގަކުރެއްވި އެވެ. އެހެންވެ ކްރައިމް ސީން އޮފިސާގެ ރިޕޯޓާއި އެ ތައްޔާރުކުރި ފުލުސް މީހާގެ ހެކި ބަސް ބަލައިނުގަންނަން ނިންމޭނެ ސަބަބެއް ނެތް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
ހުރިހާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތް މިއަދު ނިންމުމާ ގުޅިގެން މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ގާޒީ ވަނީ ނިންމަވާލައްވާފަ އެވެ. ދެން މައްސަލާގައި ފަށާނީ ޝަރީއަތުގެ އަޑުއެހުންތަކެވެ. އެ އަޑުއެހުންތައް ކުރިއަށް ދާނީ މައްސަލާގައި ދައުވާ ލިބޭ އެހެން ބޭފުޅުންނާ ވެސް އެއްކޮށެވެ.
ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ ފާރިސްގެ މައްޗަށް 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މަޖިލީހުގެ ގޮނޑި ވެސް ގެއްލޭނެ އެވެ. ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެ މިހާރު ވެސް ފާރިސް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.