ހަބަރު

"ފިޔަވަޅު އަޅައިގެން ގެއްލުން ލިބޭނީ އަޅުގަނޑަކަށް ނޫން"

އީޔޫ އިން ފިޔަވަޅު އެޅި ނަމަވެސް ރައީސް ޔާމީނަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. ކެލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އީޔޫ އިން ފިޔަޅު އަޅައިގެން ގެއްލުން ވާނީ ދިވެހި ވިޔަފާރިވެރިންނަށް ކަމަށާއި އެ މީހުންނަށް ވިޔަފާރި ނުކުރެވި ޔޫރަޕުގެ ގައުމުތަކަށް އެ މީހުންނަށް ނުދެވޭ ގޮތް ވާނެ ކަމަށެވެ. އެހެންކަމުން އެއީ ރައީސަށް ލިބޭނެ ގެއްލުމެއް ނޫން ކަމަށާއި ގެއްލުން ލިބޭނީ ދެން ގައުމު ހިންގަން ތިބޭ ބަޔަކަށް ކަމަށެވެ.

"އީޔޫ ވެސް އަންނަނީ، އިންޑިޔާ ސިފައިން ވެސް އަންނަންވީ، ކޮން ބައެއްތޯ މިކަމަށް ދައުވަތު ދިނީ ކޮން ބަޔަކަށްތޯ މިކަމަށް ގެއްލުން ވަނީ، ހަމަގައިމުވެސް އެ މީހުން ނާންނާނެ ރައީސް ޔާމީން ހައްޔަރު ކުރާކަށް، އެހެންވެ ޝަހުސީ ގޮތުން ޒާތީ ގޮތުން އަޅުގަނޑަށް ލިބޭ ގެއްލުމެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަކީ ދެ ތިން ސިޔާސީ މީހުންގެ ވަށައިގެން "ކަސްތޮޅު" އެޅުވިފައިވާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އެއަށް ވުރެ ގާބިލު ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އެހެންވާނަމަ އެއީ ހުދުމުހުތާރު ކަން ކަމަށާއި ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ފިޔަވަޅު އެޅިޔަސް ގެއްލުމެއް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވީ އީޔޫ އިން ރާއްޖޭގެ ވެރިންނަަށް ފިޔަވަޅު އަޅާނެ އޮނިގަނޑެއް ދާދި ފަހުން ފާސްކޮށްފައި ވަނިކޮށެވެ. ރާއްޖޭގެ ވެރިންނަށް ވަގުތުން ފިޔަވަޅު އަޅަން ނުނިންމި ނަމަވެސް ކަންކަން އިސްލާހު ނުވާނަމަ ފިޔަވަޅު އަޅަން އީޔޫއިން ވަނީ ނިންމައިފަ އެވެ.