ހަބަރު

މަދު ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާތީ ޕީޕީއެމްއިން ވެސް ކަންބޮޑުވެއްޖެ

ވޯޓު ފޮށިތައް ބަހައްޓާ ރިސޯޓުތައް މަދުވާ މައްސަލާގައި ޕީޕީއެމް އިން ވެސް ކަންބޮޑުވުން ފާޅުކޮށް އެކަން އިސްލާހު ކުރުމަށް އެ ޕާޓީ އިން ގޮވާލައިފި އެވެ.

މީގެކުރިން 40 އަށްވުރެ ގިނަ ރިސޯޓްގައި ވޯޓު ފޮށި ބެހައްޓާފައިވާ އިރު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން އީސީ އިން ނިންމާފައި ވަނީ އެންމެ ހަތް ރިސޯޓުގަ އެވެ. އެ މައްސަލައާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމައެކަނި ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އީސީ އިން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ޕީޕީއެމް އިން ވެސް ނުދެކޭ ކަމަށެވެ. އަދި އެކަން ބަދަލު ކުރަން އެ ކޮމިޝަނަށް ގޮވާލާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓް

ހަތް ރިސޯޓްގައި ވެސް ވޯޓު ފޮށި ބަހައްޓަނީ 250 މީހުންނަށްވުރެ ގިނައިން ރީރަޖިސްޓްރީކޮށްފިނަމަ އެވެ. އަދި އީސީ އިން ނިންމި ނިންމުމުގެ ސަބަބުން ވޯޓުލާ މީހުންގެ 10 ޕަސެންޓް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލޭނެ ކަމަށް ދަނީ ބުނަމުންނެވެ.

އެ މައްސަލާގައި ޕީޕީއެމްގެ ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު އިދިކޮޅު ޕާޓީތަކުން މިހާރު ވަނީ އެ ކަންބޮޑުވުންތައް އީސީގެ މެންބަރުންނާ ވެސް ހިއްސާކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ އެ މައްސަލާގައި މަޝްވަރާ ކުރުމަށް ފަހު އަންނަ ހަފްތާގައި ޖަވާބެއް އަރުވާނެ ކަމަށެވެ.