ކުޅިވަރު

ހަޒާޑާއި ކޯޓްއާ މަޑުކުރޭ، އިތުރު ކުރިއެރުން ހޯދައިދޭނަން

ޗެލްސީ ދޫކޮށްލަން ބޭނުންވާ ކަން ހާމަ ކުރި، ފޯވަޑް އެޑެން ހަޒާޑް ޓީމުގައި މަޑު ކުރުމަށް ބާރު އަޅައި އާ ކޯޗް މައުރީޒިއޯ ސާރީ ވާހަަކަ ދައްކައިފި އެވެ.

ޗެލްސީގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް އޭނާ ތާރަފު ކުރުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސާރީ ބުނީ، ހަޒާޑް އާއި ގޯލްކީޕަރު ޓިބޯ ކޯޓްއާ ޓީމުގައި ބެހެއްޓުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ.

އެ ކުޅުންތެރިން ކުރިމަގާ ބެހޭގޮތުން، ކުޅުންތެރިންނާ ވާހަކަ ނުދައްކައި ގޮތް ނުނިންމާނެ ކަމަށް ސާރީ ބުންޏެވެ. ވޯލްޑްކަޕުގެ ތިން ވަނަ ބެލްޖިއަމްއަށް ހޯދައިދިނުމަށް ފަހު ހަޒާޑް އާއި ކޯޓްއާވެސް މިހާރު ހުރީ ޗުއްޓީ ގަ އެވެ.

ހަޒާޑް ގެންދިއުމަށް ރެއާލް މެޑްރިޑުން ދަނީ މަސައްކަތް ކުރަމުންނެވެ. ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން ކޯޓްއާ ގެންދިއުމަށްވެސް ރެއާލުން ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.

ވޯލްޑްކަޕަށް ފަހު ހަޒާޑް ވަނީ، އޭނާ ޗެލްސީގައި ހުރުމާމެދު ސުވާލު އުފައްދާފަ އެވެ. އޭނާ ބުނީ ދެން އޮތީ އާ ޗެލެންޖެއް ނެގުމުގެ ވަގުތު ކަމަށެވެ. މިދިޔަ އަހަރު އޭނާ ބުނެފައި ވަނީ ރެއާލް މެޑްރިޑަކީ ކުޑައިރުން ފެށިގެން އޭނާ ޝައުގުވެރިވާ ކުލަބެއް ކަމަށެވެ.

ސާރީ ބުނީ، އޭނާ އަކީ ކުޅުންތެރިންނާ ފޯނުން ވާހަކަ ދައްކާ މީހެއް ނޫން ކަމަށާއި ހަޒާޑް ޗުއްޓިން އެނބުރި އައުމުން އޭނާއާ ވާހަކަ ދައްކާނެ ކަމަށެވެ. އަދި އޭނާ ޗެލްސީގައި ހުރެއްޖެނަމަ އޭނާއަށް އިތުރު ކުރިއެރުން ހޯދައިދޭނެ ކަމަށް ނަޕޯލީގެ ކުރީގެ ކޯޗް ބުންޏެވެ.

"ތި ފާހަގަ ކުރި ކުޅުންތެރިންނަކީ ވަރަށް މަތީ ފަންތީގެ ކުޅުންތެރިން،" ހަޒާޑާއި ކޯޓްއާ ބެހޭގޮތުން ސުވާލު ކުރުމުން ސާރީ ބުންޏެވެ. "އަހަންނާ އެކުޅުންތެރިން ބައްދަލު ނުވެ، ފޯނު ކޯލަކުން ނުނިންމާނަން އެއްވެސް ކަމެއް."

"އޭނާ [ހަޒާޑް] އަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް، އަހަރެން އުންމީދު ކުރަން އަހަންނަށް އޭނާ އަށް ކުރި އެރުން ހޯދައިދޭން މެނޭޖް ކުރެވޭނެ ކަމަށް، މިހާރުވެސް އޭނާ އެހުރީ ވަރަށް މަތީ ލެވަލެއްގައި."

ސާރީ ބުނީ، ރޯމާގެ ތިން އަހަރު ނިމުމަށް ފަހު އޭނާ އަށް ވަރަށް ބޮޑަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އަދި އޭނާގެ ޓްރާންސްފާގެ ކަންކަން އެހާ ލަސް ވެގެން ދިއުމުން ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށް ކޯޗް ބުންޏެވެ.