އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި މީ، ޗެލްސީއާ ވަކިވުން ކަމަށް، އެ ޓީމުގެ ފޯވަޑް އެޑެން ހަޒާޑް ބުނެފި އެވެ.
ޔޫރޮޕާ ލީގްގެ ފައިނަލުގައި، ރޭ އާސެނަލް ބަލި ކުރުމަށް ޗެލްސީއަށް ދެ ލަނޑު ޖަހައިދީ އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިން، ހަޒާޑް ބުނީ، ކުރިމަގާ ބެހޭގޮތުން ނިންމާ ނިންމުން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ވަކި ގޮތަކަށް ނިމިގެން ދާނެ ކަމަށެވެ.
ހަޒާޑް ގެންދިއުމަށް އަބަދުވެސް މަސައްކަތް ކުރަނީ ރެއާލް މެޑްރިޑުންނެވެ. ސްޕެއިންގެ ރޭޑިއޯއަކަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި، ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެފައި ވަނީ، ހަޒާޑް ގެންދިއުމަށް މީގެކުރިން އެކިފަހަރު މަތިން ރެއާލުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ހަޒާޑްވެސް ކުރިން ވަނީ، ރެއާލް މެޑްރިޑަށް ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ހަޒާޑްގެ ކުޑައިރު އޭނާގެ އައިޑޮލްއަކީ، ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗް ޒައިނުއްދީން ޒިދާން އެވެ. ކުރިން ހަޒާޑް ބުނެފައި ވަނީ ޒިދާންގެ ކޯޗު ކަމުގެ ދަށުން ކުޅުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ.
ރޭގެ މެޗަށް ފަހު ހަޒާޑް ބުނީ، ދެން އޮތީ ދެ ކުލަބުން ނިންމަންޖެހޭ ނިންމުން ކަމަށާއި އޭނާގެ ނިންމުން ދެ ހަފުތާ ކުރިން ނިންމާފައިވާ ކަމަށެވެ.
"އަހަރެން މި އިންތިޒާރު ކުރަނީ ދެ ކުލަބުން ނިންމާނެ ނިންމުމަކަށް، ސަަޕޯޓަރުންވެސް އިންތިޒާރު ކުރާހެން އަހަރެމެންވެސް މި އިންތިޒާރު ކުރަނީ އެނިންމުމަށް،" ހަޒާޑް ބުންޏެވެ. "ކުރިއަށް ދުވަސްތަކުގެ ތެރޭގައި ވަކިގޮތެއް އެނގިގެންދާނެ."
މިދިޔަ އަހަރުގެ ވޯލްޑްކަޕުގެ ތިން ވަނަ ބެލްޖިއަމްއަށް ހޯދައިދިނުމަށް އެންމެ މުހިންމު ދައުރެއް އަދާކުރި ފޯވަޑް ބުނީ ޕްރިމިއާ ލީގްގައި ކުޅުމަކީ އޭނާ ދެކުނު ހުވަފެނެއް ކަމަށެވެ. އެކަން ހަތް އަހަރުވަންދެން ހާސިލު ކުރެއްވިއްޖެ ކަމަށެވެ.
"ފުޓްބޯޅައިގައި ވާނެ ގޮތެއް ނޭންގޭނެ، އެހެންނަމަވެސް އަހަންނަށް ހީވަނީ މިއީ އަލްވަދާއު ކިޔަންވީ ވަގުތުހެން، އާ ޗެލެންޖެއް ނެގުމަށް ތައްޔާރަށް މިހުރީ."