ޗެލްސީ

ޕްރެކްޓިހަށް ހާޒިރުނުވާތީ ކޯޓުއާއަށް އަދަބު ދެނީ

ގޯލްކީޕަރު ތިބޯޓް ކޯޓުއާ ޗެލްސީގެ ޕްރެކްޓިހަށް ހާޒިރު ނުވާ މައްސަލައިގައި އޭނާއަށް އަދަބު ދޭން ނިންމައިފި އެވެ.

ޓީމުގެ ޕްރެކްޓިހަށް ކޯޓުއާ ހާޒިރު ނުވާތާ މިހާރު ދެ ދުވަސް ވެއްޖެ އެވެ. ޗެލްސީގެ ޕްރެކްޓިހަށް އޭނާ ހަޒިރު ނުވަނީ ޓީމު ދޫކޮށްލަން ބޭނުންވާ ކަމަށް އޭނާ ބުނި ނަމަވެސް އޭނާ ދިއުމުގެ ހުއްދަ ޓީމުން ދީފައި ނުވުމުން، އެކަމަށް އިތުރަށް ޑިމާންޑް ކުރުމުގެ ގޮތުންނެވެ. އޭނާ ދާން ބޭނުން ވަނީ ރެއާލް މެޑްރިޑަށެވެ.

ރެއާލުން ވަނީ އޭނާ ގެންދިއުމަށް ޗެލްސީއަށް ހުށަހަޅާފަ އެވެ. ނަމަވެސް ރެއާލްގެ ހުށަހެޅުމާ މެދު ޗެލްސީއިން މިހާތަނަށް އެއްވެސް ޖަވާބެެއް ނުދެ އެވެ. ކޯޓުއާ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާކަން މީގެ ކުރިންވެސް ހާމަ ކޮށްފަ އެވެ.

އިނިގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، ކުލަބުގެ ޕްރެކްޓިހަށް ހާޒިރު ނުވާތީ އޭނާ 200،000 ޕައުންޑުން (3.9 މިލިއަން ރުފިޔާއިން) ޖޫރިމަނާ ކުރުމަށް ޗެލްސީން ތައްޔާރު ވަމުން އަންނަ ކަމަށެވެ. ޗެލްސީން އޭނާ ދޫކޮށްލަން ބޭނުން ވަނީ 45 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އޭނާގެ ބަދަލުގައި ޗެލްސީން ދަނީ އެހެން ކީޕަރުންނަށް ފާރަލަމުންނެވެ. އެއީ ސްޕެނިޝް ލީގްގައި ކުޅެމުންދާ ދެ ކީޕަރުން ކަމަށްވާ އެތުލެޓިކޯ މެޑްރިޑް ޖޭން އޮބްލަކް އާއި އެތުލެޓިކް ކުލަބު ބިލްބާއޯގެ ކެޕާ އަރައިޒަބަލަގާ އެވެ. އަރައިޒަބަލަގާ ގެންދިއުމަށް މިދިޔަ އަހަރު ރެއާލުންވެސް މަސައްކަތް ކުރި އެވެ.