އެޑެން ހަޒާޑްގެ ސޮއި ހޯދުމަށް މީގެ ކުރިން އެކި ފަހަރު މަތިން މަސައްކަތް ކުރި ރެއާލް މެޑްރިޑުން އެންމެ ފަހުން އޭނާގެ ސޮއި ހޯދައިފި އެވެ.
ރެއާލްގެ ސީނިއާ ޓީމުގެ އެޑްވައިޒަރަކަށް، މިހާރުގެ ކޯޗް ޒައިނުއްދީން ޒިދާން ހުރިއިރު، އޭނާ ވަނީ ހަޒާޑް ލައްވައި ސޮއި ކުރުވުމަށް ރެއާލްގެ އޭރުގެ ކޯޗް ޒައިނުއްދީން ޒިދާންއަށް މަޝްވަރާ ދީފަ އެވެ. އޭރު ހަޒާޑް ކުޅެމުން ދިޔައީ ފްރާންސްގެ ލިއްލޭ އަށެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް މާކާ އަށް 2010 ވަނަ އަހަރު ދިން އިންޓަވިއުގައި، ޒިދާން ބުނެފައި ވަނީ ހަޒާޑަކީ ކުރިމަގުގައި ލީޑް ކުރާނެ ކުޅުންތެރިޔަކަށް ވާނެ ކަމަށާއި، ހަޒާޑް ގެނައުމުގައި ދެވަނަ ވިސްނުމަކަށް ނުދާނެ ކަމަށެވެ. ލިއްލޭ ދޫކޮށް، ހަޒާޑް ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުންވެސް އެކި ފަހަރުމަތިން ރެއާލުން ވަނީ ހަޒާޑް ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ.
ޗެލްސީގައި ހޭދަ ކުރި ހަތް އަހަރުގެ މުއްދަތުގައި، ހަޒާޑް ވަނީ އެ ޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި ޔޫރޮޕާ ލީގްވެސް ދެ ފަހަރު ކާމިޔާބު ކުރި އެވެ. އެފްއޭ ކަޕާއި ލީގް ކަޕު އެއް ފަހަރު ކާމިޔާބު ކުރި އެވެ. ލިއްލޭގައި ހަޒާޑް ވަނީ 2011 ވަނަ އަހަރު ތާރީހީ ދެ ތަށި ހޯދާފަ އެވެ.
ބެލްޖިއަމްގެ ގައުމީ ޓީމަށް މިވަގުތު ހުސްވެގެން ހުރި ހަޒާޑް ގެންދިއުމަށް ރެއާލުން ވަނީ 130 މިލިއަން ޔޫރޯ ދިނުމަށް ޗެލްސީ އާއެކު އެއްބަސްވެފަ އެވެ. މިފަހަކަށް އައިސް ޓްރާންސްފާ މާކެޓްގައި ބޮޑު ހަރަދު ކުރުން ހުއްޓާލާފައިވާ ރެއާލުން، ބޮޑު ހޭދައެއް ކުރީ ފަސް އަހަރު ފަހުންނެވެ. ހަޒާޑް އަކީ ރެއާލްއަށް މިހާތަނަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.
ރެއާލްގެ ކޯޗް ކަމާ ދެ ވަނަ ފަހަރަށް، މިދިޔަ ސީޒަންގެ ފަހު ކޮޅުގައި ހަވާލު ވުމަށް ފަހު ޒިދާން ބުނި އެންމެ ބޮޑު ވާހަކަ އަކީ ރެއާލްގެ ސްކޮޑު ބަދަލު ކުރާނެ ވާހަކަ އެވެ. ސީނިއާ ޓީމު އޯވަހޯލް ކުރުމުގެ މަސައްކަތަށް ބޮޑު ބަޖެޓެއް ހޭދަ ކުރުމަށް ރެއާލުން ވަނީ ނިންމާފަ އެވެ.
އެގޮތުން ހަޒާޑްގެ ކުރިން ރެއާލުން ވަނީ އިތުރު ތިން ކުޅުންތެރިޔެއް ލައްވައި މީގެ ކުރިން ސޮއި ކޮށްފަ އެވެ. އެއީ ފްރެންކްފާޓަށް ކުޅެމުން ދިޔަ ސާބިއާގެ ލޫކަ ޖޯވިޗް، ޕޯޓޯގެ ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަދި ސަންޓޯސްގެ ފޯވަޑް ރޮޑްރިގޯ ގޮއިސްގެ އެވެ. ލޫކަ ޖޯވިޗްއަކީ 10 އަހަރަށް ފަހު ރެއާލްއަށް ގެނައި ފުރަތަމަ ސުޓައިކަރެވެ.