ޗެލްސީގެ ކީޕަރު ޓިބޯޓް ކޯޓުއާ ރެއާލް މެޑްރިޑަށް ބަދަލުވާން ތައްޔާރުވަމުން ދާއިރު، އެތުލެޓިކް ކުލަބު ބިލްބާއޯގެ ކީޕަރު ކެޕާ އަރައިޒަބަލަގާ ދުނިޔޭގެ ރެކޯޑް އަގެއްގައި ޗެލްސީއަށް ބަދަލުވާން ތައްޔާރު ވެއްޖެ އެވެ.
ސްޕެއިންގެ ދެ ވަނަ ކީޕަރުގެ ގޮތުގައި މިހާރު ހުރި އަރައިޒަބަލަގާ ގެންދިއުމަށް މިދިޔަ ޖަނަވަރީ މަހު ރެއާލުންވެސް މަސައްކަތް ކުރި އެވެ. އަރައިޒަބަލަގާ ގެންދިއުމަށް ޗެލްސީން އެތުލެޓިކް ކުލަބަށް 80 މިލިއަން ޔޫރޯ ދޭނެ އެވެ. އެ އަގު ވާނީ ކީޕަރަކު ގެންދަން ކުލަބަކުން ހޭދަ ކުރާ އެންމެ ބޮޑު އަގެވެ.
ދެ ހަފުތާ ކުރިން ލިވަޕޫލުން ވަނީ، ރޯމާއަށް ކުޅެމުން ދިޔަ ބްރެޒިލްގެ ކީޕަރު އަލިސަން ބެކޭ ގެންދިއުމަށް ރެކޯޑް އަގެއް ހޭދަ ކޮށްފަ އެވެ. ލިވަޕޫލުން ވަނީ އަލިސަންގެ ސޮއި ހޯދުމަށް 75 މިލިއަން ޔޫރޯ ދީފަ އެވެ. ކީޕަރުގެ ޓްރާންސްފާގެ ރެކޯޑް ލިވަޕޫލުން މުގުރާލީ 17 އަހަރު ފަހުންނެވެ. އޭގެ ކުރިން އެންމެ ބޮޑު އަގެއްގައި ކީޕަރަކު ކުލަބު ބަދަލު ކުރީ، 2001 ވަނަ އަހަރު ޕާމާ ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި، އެ ޓީމުގެ ކުރީގެ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން އެވެ. އެއީ 53 މިލިއަން ޔޫރޯ (950 މިލިއަން ރުފިޔާ) އަށެވެ.
އަރައިޒަބަލަގާ ވަނީ މިދިޔަ ތިން ސީޒަންގައިވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. ރެއާލް މެޑްރިޑުން އޭނާ ގެންދަން މަސައްކަތް ކުރި ނަމަވެސް، އެ އެއްބަސްވުން އޭރު ފައިނަލު ނުކުރީ އޭރުގެ ކޯޗް ޒައިނުއްދީން ޒިދާން އެވެ. ޒިދާން އޭރު ބުނެފައި ވަނީ ރެއާލް އަށް އިތުރު ކީޕަރެއް ބޭނުން ނުވާ ކަމަށާއި ކޭލޯ ނާވަސް އަށް އިތުބާރު އޮތް ކަމަށެވެ.
ކޯޓުއާ ގެންދިއުމަށް ރެއާލުން ހުށަހަޅާފައިވާއިރު މީގެ ކުރިން ލިވަޕޫލުން އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. ޗެލްސީން އޭނާއަށް ރިލީޒް ނުދިނުމުން އޭނާ ވަނީ ޗެލްސީގެ ޕްރެކްޓިހަށް ނިކުންނަންވެސް ދެކޮޅު ހަދާފަ އެވެ. އެކަމާ ގުޅިގެން 200،000 ޕައުންޑުން އޭނާ ޖޫރިމަނާ ކުރުމަށްވެސް ޗެލްސީން ވަނީ ނިންމާފަ އެވެ. އޭނާ ވަނީ ކުރިން ވާދަ ވެރި އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅެފަ އެވެ.