ޓްރާންސްފާ މާކެޓް

ލޯނެއްގެ ދަށުން ކޮވަޗިޗް ޗެލްސީއަށް

ރެއާލް މެޑްރިޑްގެ މިޑްފީލްޑާ މަޓައޯ ކޮވަޗިޗް ލޯން އެއްބަސްވުމެއް ދަށުން ޗެލްސީއަށް ދޫކޮށްލަން ރެއާލުން އެއްބަސްވެއްޖެ އެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް، 'މާކާ' އިން ބުނެފައި ވަނީ، ކްރޮއޭޝިއާގެ މިޑްފީލްޑަރު ޗެލްސީއަށް ދޫކޮށްލަން ރެއާލުން އެއްބަސްވެފައިވާ ކަމަށެވެ. މިދިޔަ މަހު ކޮވަޗިޗް ވަނީ ރެއާލް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ ގިނައިން ކުޅެން ފުރުސަތު ލިބޭ ޓީމަކަށް ބަދަލުވާން ތައްޔާރަށް ހުރި ކަމަށެވެ. އޭރު އޭނާ ދޫކޮށްލަން ރެއާލުން އެއްބަހެއް ނުވި އެވެ.

އިންޓަ މިލާނުން 2015 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވި މިޑްފީލްޑަރު ބޭނުން އެ ޓީމުން ހިފަނީ ބެކަޕް ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ރެއާލްގެ ޖޯޒީގައި އޭނާ އެންމެ ގިނައިން މެޗު ކުޅުނީ މިދިޔަ ސީޒަންގަ އެވެ. ރެއާލްގެ އޭރުގެ ކޯޗް ޒައިނުއްދީން ޒިދާންގެ "ރޮޓޭޝަން ފިލޯސަފީ" ގެ ދަށުން ކޮވަޗިޗަށް ކޮންމެވެސް ވަރެއްގެ ފުރުސަތުތަކެއް ލިބުނެވެ. މިދިޔަ ސީޒަންގައި އޭނާގެ ކުޅުން އެންމެ ފާހަގަވީ ކުލަބު ވޯލްޑްކަޕުގަ އެވެ. ކުލަބު ވޯލްޑްކަޕު ރެއާލްއަށް ހޯދައިދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

މިޑްފީލްޑްލައިނުން ގިނަ ޕާސްތަކެއް އުފައްދައިގެން ކުޅޭ ކުޅުތެރިޔާއަކީ ބޯޅަ ޑޮމިނެންސްގައި ސްޕެނިޝް ލީގުންވެސް ފާހަގަ ކުރެވޭ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔެކެވެ. އޭނާ ގެންދިއުމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވެސް ޝައުގުވެރިކަން ފާޅު ކުރި އެވެ.

ކޮވަސިޗް ދޫކޮށްލަން ރެއާލުން އެއްބަސް މިވީ އޭނާގެ ފަރާތުން ޑިމާންޑްތަކެއް އައުމުންނެވެ. އޭނާ ވަނީ މިއަދު ރެއާލްގެ ޕްރެކްޓިސް ދޫކޮށްލާފަ އެވެ. އެއީ ރެއާލުން އޭނާ އަށް ރިލީޒް ދިނުމަށް ބާރު އެޅުމުގެ ގޮތުން ކުރި ކަމެކެވެ.

މާކާއިން ބުނީ، ކޮވަޗިޗް ޗެލްސީއަށް ބަދަލު ވާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި ކުރިއަށް ގަޑިއިރު ތަކުގެ ތެރޭ ރެއާލް މެޑްރިޑުންނާއި ޗެލްސީން ޓްރާންސްފާގެ އެއްބަސްވުން ހާމަ ކުރާނެ ކަމަށްވެސް މާކާއިން ބުންޏެވެ.