ކުޅިވަރު

ބޮޑު ޓްރާންސްފާއަކަށް ރެއާލް ތައްޔާރު ވަނީ

ބޮޑް ޓްރާންސްފާއަކަށް ރެއާލް މެޑްރިޑުން ތައްޔާރު ވަމުންދާ ކަމުގެ އިޝާރާތެއް ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދީފި އެވެ.

ރެއާލް ސޮސިއެދާދުން ރެއާލް މެޑްރިޑަށް ބަދަލުވި، ސްޕެއިންގެ ގައުމީ ޓީމުގެ ޑިފެންޑަރު އަލްވާރޯ އޮޑްރިއަޒާލޯ، ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަސްމީކޮށް ތާރަފު ކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަމުން ޕެރޭޒް ވިދާޅުވީ ރެއާލް މެޑްރިޑްގައި މިހާރުވެސް ވަރުގަދަ ސްކޮޑެއް އެބައޮތް ކަމަށާއި އެ ކްލަބުގެ ޑިމާންޑްތައް ފުރިހަމަ ކުރުމަށް ވަރުގަދަ ކުޅުންތެރިން ހޯދާނެ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ކޮންމެ ސީޒަނެއްގައި ވެސް މި ކުލަބުގެ ޑިމާންޑްތައް ހުންނާނެ މިންވަރު،" ޕެރޭޒް ވިދާޅުވި އެވެ. "އަހަރެމެންނަކީ ރެއާލް މެޑްރިޑް، އަހަރެމެންގެ އުންމީދުތައް އަބަދުވެސް ހުންނާނީ އެންމެ މަތީގައި، މޮޅުވުުމުގެ ރޭސް މި ޓީމުން ދަމަހައްޓާނީ ވަރުގަދަ ކުޅުންތެރިންނާއެކު، އަހަރެމެންގެ މިހާރު ވެސް އެބައޮތް ވަރުގަދަ ސްކޮޑެއް، އެ ސްކޮޑް އިތުރަށް ވަރުގަދަ ވާނީ ވަރުގަދަ ކުޅުންތެރިންނާއެކު."

ރެއާލް މެޑްރިޑާ ގުޅުވައި އެންމެ ބޮޑަށް ވާހަކަ ދައްކަނީ، ޕީއެސްޖީ ނޭމާ ޖޫނިއާ އާއި އެ ޓީމުގެ ކިލިއަން އެމްބާޕޭ އާއި ޗެލްސީގެ އެޑެން ހަޒާޑް އަދި ޓޮޓެންހަމްގެ ހެރީ ކޭން އާ އެވެ. ޓްރާންސްފާ ރިޕޯޓްތައް ބުނާ ގޮތުން އެ ލިސްޓުން ކޮންމެވެސް އެއް ކުޅުންތެރިޔަކު ރެއާލްއިން ގެންދާނެ އެވެ.

މިދިޔަ ނުވަ އަހަަރު ރެއާލް އަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ، އެ ކުލަބު ދޫކޮށް ޔުވެންޓަސްއަށް ބަދަލު ވެފަ އެވެ. އޭނާގެ ބަދަލުގައި ވަރުގަދަ އެހެން ނަމެއް އެ ކުލަބުން ހޯދާނެ ކަމަށް ބެލެވެ އެވެ.