ކުޅިވަރު

ޗެލްސީގެ އެސިސްޓެންޓަކަށް ޒޯލާ

Jul 19, 2018

ޗެލްސީ އާއި އިޓަލީގެ ލެޖެންޑް ޖިއާން ފްރެންކޯ ޒޯލާ ޗެލްސީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އާ ކޯޗް މައުރީޒިއޯ ސާރީ އާއެކު ޕްރިސީޒަން ފަށައިފި އެވެ.

ޗެލްސީގައި ހަތް އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތައް ހޯދައިދީ 80 ގޯލް ޖަހައިދީފައިވާ ޒޯލާ ޗެލްސީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަމަޖެއްސުމުން މިހާރު ވަނީ ޕްރީ ސީޒަން ފެށުމަށް އޮސްޓްރޭލިއާއަށް ކުރާ ދަތުރުގައި ބައިވެރިވެފައެވެ. ޒޯލާ ޗެލްސީއާ އަލުން ގުޅުނު އިރު ޗެލްސީގެ ކޯޗިން ސްޓާފުންގެ ތެރެއަށް އޭނާ ގެންނަން މަސައްކަތް ކުރާ ކަމުގެ އަޑުތައް ފެތުރިފައި އޮންނަތާ އަހަރުތަކެއް ވަނީ ވެފައެވެ. އަދި ޒޯލާ ވެސް އެކި ފަހަރުމަތީން ވަނީ އެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

"އެނބުރި ޗެލްސީއަށް އާދެވުމުން އަހަރެން އުފާ ކުރަން. އާ ކޯޗް މައުރީޒިއޯ ސާރީއާއެކު ކްލަށް ކާމިޔާބީ ހޯދައިދޭން އަހަރެން މިހުރީ ބޭނުންވެފައި އެކަމަށް ބުރަކޮށް މަސައްކަތް ކުރާނަން. ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީއަށް ދެވުނު ފުރިހަމަ ހިއްސާ އާ މަގާމުގައި ވެސް ދޭނަން،" ޒޯލާ ބުންޏެވެ.

އުމުރުން 52 އަހަރުގެ ޒޯލާ ޗެލްސީއަށް 312 މެޗް ކުޅެފައިވާއިރު 1996 އިން 2003 އަށް ހޭދަ ކުރި މުއްދަތުގައި ދެ އެފްއޭ ކަޕާއި ޔޫރަޕިއަން ކަޕްވިނާސް ކަޕާއި ޔުއެފާ ސުޕަ ކަޕާއި ލީގްކަޕް ހޯދުމުގައި އެހީވެދިނެވެ.

ޒޯލާ އެންމެ ފަހުން ކޯޗް ކޮށްދިނީ ބާމިންހަމް ސިޓީއަށެވެ. އޭގެ ކުރިން އިނގިރޭސި ވެސްހޭމާއި ވޮޓަފަޑާއި އިޓަލީގެ ކަލިއާރީއަށް ވެސް އެހީވެ ދިނެވެ.

ޒޯލާއާއެކު ޕްރީ ސީޒަން ފަށާއިރު ފުރަތަމަ މެޗް ކުޅޭނީ އޮސްޓްރޭލިއާގެ ޕާތް ގްލޯރީއާއެކު އެވެ.