މައުރީޒިއޯ ސާރީ

ޗެލްސީގެ ދެމިހުރުން އަހަންނަށް ހައްގު: ސާރީ

ޗެލްސީގެ ކޯޗް ކަމުގައި ދެމިހުރުން އޭނާއަށް ހައްގު ކަމަށް، ޗެލްސީގައި މަގާމާމެދު ސުވާލު އުފެދިފައިވާ، ކޯޗް މައުރީޒިއޯ ސާރީ ބުނެފި އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގް ތިން ވަނައިގައި، ޗެލްސީން ނިންމާލި ނަމަވެސް، އޭނާގެ ކުރިމަގާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ފައިނަލުގައި އާސެނަލް ބަލިކޮށް ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ޗެލްސީއަށް ހޯދައި ދިނުމަށް ފަހު، ސާރީ ބުނީ ޗެލްސީގައި އޭނާ ދެމިހުންނަށް ބޭނުން ވިޔަސް އެކަން އޮތީ ހަމައެކަނި އޭނާގެ އަތްމަތީގައި ނޫން ކަމަށެވެ.

ސާރީ ބުނީ، ކުލަބުގެ ވެރިންނާ އޭނާ ވާހަކަ ދައްކާނެ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކަކީ އޭނާގެ ކޮންޓްރެކްޓާ ބެހޭގޮތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށް ސާރީ ބުންޏެވެ.

"އެހެން ކުލަބުތައް ވެސް ވާހަކަ ދައްކާހެން އަހަރެން ވެސް ވާހަކަ ދައްކާނަން، އަހަރެން އެނގެން އެބަޖެހޭ ކުލަބުން އަހަންނަށް ކޮށްދޭނީ ކޮންކަމެއްތޯ އަދި އަހަންނަށް ކުލަބު ރަނގަޅު ކުރުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަން،" ސާރީ ބުންޏެވެ. "ކުރިއަށް ދުވަސްތަކުގެ ތެރޭގައި އަހަރެމެން ނިންމާނަން، އެހެންނަމަވެސް އަހަރެންގެ ކޮންޓްރެކްޓް އެބައޮތް އެހެންވީމަ މިވަގުތު ކޮންޓްރެކްޓާ ބެހޭގޮތުން އިތުރަށް ދައްކަން ޖެހޭނެ ވާހަކަ އެއް ނެތް."

ރޭގެ މެޗަކީ، ޗެލްސީގެ ވެރިޔާ ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރޮހިމްވިޗް 2017 ވަނަ އަހަރުގެ ފަހުން ސްޓޭޑިއަމްުއަށް ވަޑައިގެން ބެލި ޗެލްސީގެ ފުރަތަމަ މެޗެވެ.