ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުން ގެއަށް ބަދަލު ނުކުރީ އަނިޔާގެ ކުރިމަތީގައި އެމަނިކުފާނު ހަތިޔާރު ނުބެހެއްޓެވުމުން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީނަށް ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު މިއަދު ރައްދު ދެއްވައިފި އެވެ.
ރައީސް ޔާމީން މިއަދު ހަނިމާދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލާގެ ތަހުގީގަށް ފުރަތަމަ ދުވަހު ވެސް ފުލުހުންނަށް ފޯނު ދެއްވި ނަމަ މިއަދު ޖަލުގައި އެކަހެރިވެގެން އިންނަވަން ޖެހިވަޑައި ނުގެންނެވީސް ކަމަށެވެ.
ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން އެމަނިކުފާނަށް ބޮޑުބޭބެ ވެސް ވިދާޅުވާ ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރައީސް މައުމޫންގެ އަރިހަށް ވަޑައިގެން "އެއްބާރުލުން ދެއްވުމަށް" އެދިވަޑައިގަތް ކަމަށެވެ.
އެއަށް ރައީސް މައުމޫން ދެއްވި ޖަވާބަކީ، "އެއްބާރުލުން ދިނުމަކީ ނުކުރާ ކަމަކަށް އެއްބަސްވުން ކަމަށް ވަންޏާ އެކަމެއް ނުކޮށް ދެވޭނެ" ކަން ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ބޮޑުބޭބެފުޅު އަބްދުﷲ ހަމީދުގެ ދަރިކަލުން މައުމޫން ހަމީދު ވިދާޅުވީ، ރައީސް މައުމޫން ޖަލުގައި މިއަދު އިންނަވަން ޖެހިވަޑައިގަންނަވަނީ އެންމެ ސަބަބެއް އޮވެގެން ކަމަށެވެ. އެއީ އަމިއްލަ ފައިދާ އާއި އާއިލީ ގުޅުންތަކުގެ މައްޗަށް އެމަނިކުފާނު ގައުމު އިސްކުރެއްވުން ކަމަށެވެ. އެކަން ރައީސް ޔާމީނަށް ހަޖަމު ކުރައްވަން އުނދަގޫވުމުން ކަމަށެވެ.
"ރައީސް މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް މިއަދު ވެސް ރައީސް ޔާމީންގެ އަނިޔާވެރިކަމަށް ބޯލަނބައިފިނަމަ އެ ބޭފުޅުންނާއި އާއިލާ ތަހައްމަލު ކުރައްވަމުންދާ ކަންކަން ވަގުތުން ނެތިގެންދާނެ، އެވަރުން ވެސް އެ ބޭފުޅުން ސާބިތުވެ ތިބުމުން ވަރަށް ގިނަ ވާހަކަތައް ބުނެދޭ،" މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ، ރައީސް މައުމޫނާއި ފާރިސް އަދި ނަދީމް ވެސް ނަޒާހަތްތެރިކަން ވިއްކާލައި ރައީސް ޔާމީންއާއެކު ވަޑައިގެންފިނަމަ އެ ބޭފުޅުން ހަމައެކަނި ތިއްބަވާނީ ގޭގަ ނޫން ކަމަށާއި ބޮޑެތި ދަރަޖަތައް ވެސް ދެއްވާނެ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން އަމިއްލަ ނަފުސު ވިއްކާ ނުލައްވާނެ ކަމަށް ޔަގީންކަމާއެކު މައުމޫން ހަމީދު ވިދާޅުވި އެވެ.