ހަބަރު

އިންތިހާބުގެ ސައްހަކަން ގެއްލޭނެ ކަންކަން ހުއްޓާލަން ޖެހޭ: އެމްޑީޕީ

Jul 20, 2018
6

އިންތިހާބުގެ ސައްހަކަން ގެއްލޭ ގޮތަށް ނޫނީ އިންތިހާބާ މެދު ސުވާލު އުފެދޭ ގޮތަށް ސަރުކާރުން ތަފާތުކަންކަން ހިނގަމުން ދާ ކަމަށާއި އެކަކަން ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕޭންގެ ސްޕޯކްސްޕާސަން މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާން، އަދި މެންބަރު މާރިޔާ އަހުމަދު ދީދީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިންތިހާބުގެ މިނިވަންކަން ގެއްލޭ ގޮތަށް ސަރުކާރުން ތަކުރާރުކޮށް ކުރަމުންދާ މަސައްކަތްތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ހާއްސަކޮށް ވަޒީފާގެ ބިރު ދައްކައިގެން ރައްޔިތުންގެ ފަރާތުން ގަދަކަމުން ތާއީދު ހޯދަން ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެފަދަ ކަންކަން ހުއްޓާލުމަށް މާރިޔާ ވަނީ ގޮވާލައްވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޑޯޓޮޑޯ ޖެއްސުމުގެ މަސައްކަތް ޕީޕީއެމުން މިހާރު ފަށާފައިވާއިރު، ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުން ގަދަކަމުން ޑޯޓުޑޯއަށް ނެރޭކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބޭކަމަށް މާރިޔާ މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަޑު މި އިވެނީ ކެނޑި ނޭޅި ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުންނާއި، މަދަރުސާގެ ޓީޗަރުން ވެސް، އެއާޕޯޓް މުވައްޒަފުން ވެސް މިނޫން އެހެން ތަންތަނުން ވެސް އެކި މީހުން ގުޅާފަ އެބަ ބުނޭ ތިމަންނަމެންގެ ކަރުގައި ޕީޕީއެމްގެ ފާސް އަޅުވާފަ ދޮރުން ދޮރަށް ނެރުވާ ވާހަކަ. އެނގިވަޑައިގަންނަވާނެ، ފެށުނީއްސުރެ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކައިގެން ރައްޔިތުން އަޅުވެތިކުރުވާތީ ކަންބޮޑުވުން ފާޅުކުރަމުން މި ދަނީ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އިންތިހާބާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް މަގު ފަހިވެފައިވާ ކަމަށް ވިދާޅުވެ މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"މިހާރު ރަޖިސްޓްރީކުރާއިރު، މިސާލަކަށް ކޫއްޑޫގައި ވޯޓު ލައްވާ ބޭފުޅެއްނަމަ އެބޭފުޅަކު ރަޖިސްޓްރީކުރަން ޖެހެނީ ކޫއްޑޫގަ. މިހެން ރަޖިސްޓްރީކުރަމުން ގެންދާއިރު، ރަޖިސްޓްރީކޮށްދޭން ހުންނަ ބޭފުޅަކު އެބަ ވިދާޅުވޭ ތިމަންނާމެން ދެއްވާނަމޭ ވަކި ފާހަގައެއް. މިސާލަކަށް ހަނދުފަޅިއެއް ވިޔަސް އެހެން އެއްޗެއް ވިޔަސް. އެ ދިނީމަ ވޯޓު ކަރުދާހުގަ ފާހަގަ ޖަހާފަ އެއް ކަނެއްގަ އެ ހަނދުފަޅި ކުރަހަންޖެހޭނެ ކަމަށް. މިއީ ވަކި ގޮތަކަށް ބަލާނަމަ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމެއް. މިކަންކަން މިހެން ރާވަމުން ކުރަމުން ގެންދާތީ ކަންބޮޑުވަން. އިލްތިމާސަކީ އެހެން ނުހެއްދެވުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ ރިޔާސީ އިންތިހާބާމެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން ސަރުކާރުން ކުރާ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.