ކުޅިވަރު

އަކޫއަށް އަނިޔާވެއްޖެ، ސާފް ޗެމްޕިއަންޝިޕުން ނުފެނިދާނެ

ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) އަށް އަނިޔާވެ ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެވި ދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

އަކޫގެ ކަކުލަށް ވަނީ އަނިޔާ ވެފަ އެވެ. ނިއު ރޭޑިއަންޓްގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ، އަކޫއަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ހަ ހަފުތާ ނުވަތަ ހަތް ހަފުތާގެ މުއްދަތެއް ހޭދަ ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެން ވެއްޖެނަމަ، ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ބަންގުލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި އޭނާއަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ.

މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް ބަދަލުވެ އަކޫ ދަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެޔާއެކު އޭނާއަށް ގައުމީ ޓީމުން އަލުން ޖާގަ ލިބިގެން ދިޔަ އެވެ. އޭގެ ކުރިން ގައުމީ ޓީމުން ޖާގަ ނުލިބި އެއް އަހަރު ހޭދަވި އެވެ. އޭރު ގައުމީ ޓީމުގައި އޭނާ ހިމެނުނު އެންމެ ފަހު މުބާރަތަކީ 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ. އެ މުބާރާތުގައި ކެޕްޓަން ކުރީވެސް އޭނާ އެވެ. އޭގެ ފަހުން ގައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ މިދިޔަ އަހަރު، އޭޝިއަން ކަޕް ކޮލިފައިންގަ އެވެ.

އަކޫއަކީ، ޓީމުގެ ޑިފެންސްގައި އެންމެ މުހިންމު ނަމެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އިންޑިއާ އާއި ލަންކާއާ އެކު ގުރޫޕް ބީ ގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ.