ބިރިޔާނީއޭ ބުނުމުން މި ދިވެހިން ކުޅު ދިޔާވާނެ އެވެ. ސަބަބަކީ މީގެ ރަހަަ އަށް ދިވެހިން ދަހިވެތިކަން މަތިކަމެވެ. އަވަށްޓެރި ގައުމުތަކަށް ފައިދާ ތަނުން ބިރިޔާނީ ހޯދަން ދުއްވައި ގަންނަނީ އެހެންވެ އެވެ. ނަމަވެސް މިހާރު މިއޮތީ ރާއްޖޭން ބޭރުގައި ބިރިޔާނީ ލިބޭ ފެންވަރުގައި ރާއްޖޭން ބިރިޔާނީ ލިބެން ފަށާފަ އެވެ. ފްރެންޗައިޒް އަންނަ މޫސުމުގައި މިއީ ފްރެންޗައިޒަކަށް ނުވިނަމަވެސް، ބިރިޔާނީ ތައްޔާރު ކުރުމުގައި މިތަން ހާއްސަ ވެ އެވެ. މިއީ އެސްޓީއޯއިން އަލަށްހެދި ފުޓްކޯޓު ސަރަހައްދުގައި ހުޅުވާފައިވާ "ބިރިޔާނީ ރޯޔަލް" އެވެ.
މަޝްހޫރު އޮކްސިޖަންގެ ދަށުން ހިންގާ ބިރިޔާނީ ރޯޔަލް ހުޅުވާފައިވަނީ ފަސޭހައިން ބިރިޔާނީ ކާލަން ވަދެވޭނެ ތަނެއްގަ އެވެ. ބިރިޔާނީ ރޯޔަލް ހުންނާނީ ކުރީގެ އެއްނަމްބަރު ކަޑަ (ފެރީޓާމިނަލް އާ ޖެހިގެން) ނެވެ. ފެރީއިން ފައިބައިގެން އަންނަ މީހަކަށް އެންމެ ފުރަތަމަ ޖެހޭނީ މި ތަނެވެ.
ބިރިޔާނީ ރޯޔަލް ހާއްސަވާ އެއް ސަބަބަކީ މިތަނުގައި ބިރިޔާނީ ތައްޔާރު ކުރުމަށް އެކަމަށް ހާއްސަ ހުނަރުވެރިއެއް ހުރުމެވެ. ބިރިޔާނީއަށް އެންމެ މަޝްހޫރު އިންޑިޔާގެ ޝެފެއް ބޭނުންކޮށްގެން ބިރިޔާނީ ރޯޔަލްގައި ތައްޔާރުކުރާ، މީރު ބިރިޔާނީގެ ފަސް ރަހައެއް ހިމެނެ އެވެ. މީގެތެރޭގައި ދިވެހިން އާއްމުކޮށް ކައިއުޅޭ ކުކުޅު ބިރިޔާނީ އާއި ބީފް އަދި މަޓަން ހިމެނެ އެވެ. އަދި މަސް ބިރިޔާނީ އާއި ސީފުޑް ބިރިޔާނީ ވެސް މިތަނުން ލިބެން ހުރެ އެވެ.
ދެން އޮތީ އަގުގެ ވާހަކަ އެވެ. ބިރިޔާނީގެ އިތުރުން އެހެން ބާވަތްތައް ވެސް ލިބެން ހުރި މިތަނުގެ އަގުތައް ހުރީ އެކަށީގެންވާ އަގެއްގައޭ ބުނެވިދާނެ އެވެ.
ބިރިޔާނީ ރޯޔަލްގެ އޮފިޝަލަކު ވިދާޅުވީ ހުޅުވިތާ ތިން ހަފުތާ ވީނަމަވެސް ގިނަ ބައެއްގެ މަގުބޫލުކަން ލިބެމުންދާ ކަމަށެވެ.
"ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު އާދެ. ހާއްސަކޮށް އަންހެން ކަސްޓަމަރުން ވަރަށް ގިނަ. ފިރިހެން ބޭފުޅުންވެސް ވަރަށް ގިނައިން އާދެ. އާއިލާއެއްކޮށްވެސް އަންނާނެ ހަމައެކަނި ބިރިޔާނީ ކާން،" އޮފިޝަލް ވިދާޅުވި އެވެ.
ބިރިޔާނީ ރޯޔަލް މި ވަގުތު ހުޅުވާފައި ހުންނަނީ ހަވީރު 4:00އިން ރޭގަނޑު 12:00 އަށެވެ. ނަމަވެސް ދުވާލުގެ ވަގުތުތަކުގައި ހުޅުވަން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެތަނުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވި އެވެ.
ކޮންމެއަކަސް ބިރިޔާނީގެ ހާއްސަ ރަހަ މިހާރު މާލެއިންވެސް މިވަނީ ލިބެން ފަށާފަ އެވެ. ބިރިޔާނީ ރޯޔަލްގެ މަގުސަދަކީ ބޭރުން ލިބޭ ބިރިޔާނީ ރާއްޖޭގައި ތިބެ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. މިތަން ހާއްސަވަނީ އެހެންވެ އެވެ.